ފުލުހުންގެ ވަޒީފާއިން ވަކިކުރުމަށް ފުލުހުންގެ ބޯޑުން ލަފާ ދީފައިވާ ޗީފް ސުޕްރިންޓެންޑެންޓް، މުހައްމަދު ދާއޫދަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑަލް އެރުވުމުން އެކަމާ ކަންބޮޑުވުން ފާޅުކޮށް ޕޮލިސް ބޯޑުން ރައީސުލްޖުމްހޫރިއްޔާއަށް ޝަކުވާ ދަންނަވައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފޮލިސް ބޯޑުން އެ މައްސަލަ ރައީސުލްޖުމްހޫރިއްޔާ އަށް ފޮނުއްވަފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ދާއޫދު ވަކިކުރުމަށް ޕޮލިސް ބޯޑުން ލަފާދީފައި ވަނީ، އެމްއެމްޕީއާރުސީގެ ހިޔާނަތުގެ ފައިސާ ލިބުނުކަމުގެ ތުހުމަތު ކުރެވިގެންނެވެ.

ދާއޫދާއެކު އެ މައްސަލާގައި އިތުރު ފަސް އޮފިސަރަކު މަގާމުން ވަކި ކުރަން ނިންމާފައިވެ އެވެ. އެހެން ނަމަވެސް ސިވިލް ކޯޓަށް އެމައްސަލަ ހުށަހެޅުމުން އެކޯޓުން ވަނީ އޭގެ ތެރެއިން ތިން އޮފިސަރަކު ވަކި ނުކުރުމަށް އަމުރުކޮށްފަ އެވެ.

އެ މައްސަލަ ދައުލަތުން މިހާރު ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ.

އެ މައްސަލަ ދައުލަތުން އިސްތިއުނަފް ކޮށްފައި ވަނިކޮށް ފުލުހުންނަށް ދޭ އެންމެ ޝަރަފުވެރި މެޑަލް ދާއޫދަށް އެރުވީ މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ރޭ އޮތް، ފުލުހުންގެ 29 ވަނަ އަހަރީ ދުވަހުގެ ހާއްސަ ޖަލްސާގަ އެވެ. ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑަލް 5 އޮފިސަރަކަށް ދެއްވި އެވެ.