ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަނުކުރައްވާނެ ކަމަށް ދެކެވޭ ވާހަކަތަކަށް ގާސިމް މިއަދު ރައްދު ދެއްވައިފި އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ގާސިމް ވާދަކުރައްވާނެ ކަން ވަނީ އިއުލާން ކުރައްވާފަ އެވެ. އަދި ޖުމްހޫރީ ޕާޓިގެ ޓިކެޓް ވެސް ގާސިމަށް ދެއްވުމަށް ކައުންސިލުން ވަނީ ނިންމާފަ އެވެ.

ގާސިމް އިންތިހާބުގައި ވާދަ ނުކުރައްވާނެ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފަ އެވެ. އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަށް އިންތިހާބުގައި ވާދަކުރެއްވޭތޯ ގާސިމް ހުންނެވީ މަޑުކޮށްލައްވައިގެން ކަމަށް އަޑުފެތުރިފައިވެ އެވެ.

މިއަދު ބޭއްވި ޖުމްހޫރީ ޕާޓީގެ ކައުންސިލް ބައްދަލުވުމަށްފަހު ގާސިމް ވިދާޅުވީ ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީން ކެންޑިޑޭޓަކު ނެރޭނެތޯ އަދިވެސް ބައެއް މީހުން ސުވާލު ކުރައްވާ ކަމަށެވެ. ގާސިމް ވިދާޅުވީ އެއީ އެއްވެސް ސުވާލެއް އޮތް ކަމެއް ނޫން ކަމަށެވެ.

ޖޭޕީ އިން ރިޔާސީ ކެންޑިޑޭޓެއް ނެރެފައިވާ ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަމަށް ތަކުރާރުކޮށް ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ އެހެން ޕާޓީއަކާއެކު ކޯލިޝަން ނުހަދާވިޔަސް ޖޭޕީ އިން އިންތިހަބުގައި ވާދަކުރާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވާދަކުރަނީ އެކަންޏެވެ. އެހެން ޕާޓީއަކާއެކު ކޯލިޝަން ހަދާކަށް އަދި ނިންމާފައެއް ނުވެ އެވެ. އެހެން ނަމަވެސް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއެކު ކޯލިޝަން ހެދުމަށް ދަނީ މަޝްވަރާތައް ކުރަމުންނެވެ.

ޖުމްހޫރީ ޕާޓީއާ ރައީސް ނަޝީދު ގުޅިގެން މިހާރު ވަނީ މެނިފެސްޓޯ އެކުލަވާލުމަށް މަޝްވަރާތައް ފަށައިފަ އެވެ. އަދި އިންތިހާބުގައި ޖުމްހޫރީ ޕާޓީ އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ގުޅިގެން ކެމްޕެއިން ހަރަކާތްތައް ހިންގުމަށް ޓައިމްލައިނެއް އެކުލަވާލުމަށް ވެސް ވަނީ މަޝްވަރާކޮށްފަ އެވެ.