ދިވެހި ސިނަމާގައި އެންމެ އުއްމީދީ ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) މިހާރު ތައްޔާރުވަމުން އަންނަނީ ފިލްމު "ނީނާ' ބެލުންތެރިންނާ ހަމަޔަށް ގެނެސްދިނުމަށެވެ. "ނީނާ" އަކީ އިއްލެގެ އަމިއްލަ ސްކްރީން ޕްލޭއަކަށް ހަދާފައިވާ ކްރައިމް ތުރިލާއެކެވެ.

މިފިލްމުގައި ލީޑް ރޯލުން ކުރިއަރަމުން އަންނަ ބަތަލާ ނުޒުހަތު ޝުއައިބް (ނުޒޫ) ފެނިގެންދާނެ އެވެ. އަދި މިފިލްމުގައި ނުޒޫގެ ތިން ގޮތަކަށް ފެނިގެންދާނެ ކަމަށް މީގެ ކުރިން އިއްލެ ވަނީ ބުނެފަ އެވެ.

"ނީނާ" އަކީ 2019 ގެ ސައިކޮލިޖިކަލް ތުރިލާ "ބަވަތި" އަށް ފަހު އިއްލެ ގެނެސްދޭ ދެވަނަ ފީޗާ ފިލްމެވެ. އައި ފިލްމްސްއިން ފްރޮޑިއުސްކުރާ މި ފިލްމުގެ ޝޫޓިން އޮތީ 2020 ގެ ކުރީކޮޅު ނިންމައިފަ އެވެ. ފިލްމުގެ ބޮޑު ބައި ޝޫޓްކުރީ ލ. އަތޮޅުގަ އެވެ.

އައި ފިލްމްސްއިން ވަނީ މި ފިލްމުގައި ފެނިގެންދާ ބައެއް ތަރިން އެ މީހުންގެ ކެރެކްޓާތަކަށް ތައްޔާރުވާން ކުރިއަށް ގެންދިޔަ ޓްރެއިންތަކެއް ދައްކުވައިދޭ ވީޑިއޯއެއް ބެލުންތެރިންނަށް ދޫކޮށްލައިފަ އެވެ.

ޔޫޓިއުބަށް ދޫކޮށްލި ވީޑިއޯގައި "ނީނާ" ގެ ލީޑް ރޯލު ފެނިގެންދާ ނުޒުހަތު ޝުއައިބް (ނުޒޫ) އާ އެކީ ފިލްމުގެ ރޯލަކުން ފެންނާނެ ހަމްދޫން ފާރޫގާއި އެ މީހުންގެ ޓްރެއިނަރުން ފެނިގެންދެ އެވެ.

https://www.youtube.com/watch?v=YzxizicFjRo

ނުޒޫގެ އިތުރުން ދެން މި ފިލްމުގައި ފެނިގެންދާނީ ޝަރަފު އަބްދުﷲ، މަރިޔަމް ޝަކީލާ، ޖުމައްޔިލް ނިމާލު (ޖުމަލް) ގެ އިތުރުން 1980 ގެ ތެރޭގައި ފިލްމީ ދާއިރާ އިން ވިދާލި ބަތަލާ، މަރަދޫ މަރިޔަމް ރަޝީދާ އެވެ.

"ނީނާ" އަޅުވާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ. އެކަމަކު މިހާރު މިއޮތީ ޕްރޮމޯޝަން ފެށިފަ އެވެ.

https://www.youtube.com/watch?v=UbjxkLRgpbA

"ނީނާ"ގެ އިތުރުން އިއްލެ މިހާރު އަންނަނީ "ފްރީ ޑެލިވަރީ" ކިޔާ ފިލްމެއްގެ މަސައްކަތް ވެސް ކުރަމުންނެވެ.