ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ދަތުރުކުރެއްވި މޮޓޯކޭޑަށް ބަޔަކު ހުރަސްއެޅި މައްސަލައިގައި ރައީސްގެ ސަލާމަތީ ކަންކަމާ ގުޅޭ ސިފައިންގެ އިސްވެރިޔަކަށް ހުންނެވި އަބްދުﷲ އިބްރާހީމް މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށް ފިޔަވަޅު އެޅި ފަހުން މަގާމުގެ ކުރިއެރުން ދީފި އެވެ.

މޮޓޯކޭޑް އަށް ބަޔަކު ހުރަސް އަޅަ ހުއްޓުވު މައްސަލާގައި އަބްދުﷲ އަށް ފިޔަވަޅު އަޅަ މަގާމުގެ މަސްއޫލިއްޔަތުން އެކަހެރި ކުރީ މިދިޔަ މާޗް މަހުގެ 21 ވަނަ ދުވަހު އެވެ. އޭރު އޭނަ ހުންނެވީ ކާނަލް ރޭންކްގަ އެވެ. ނަމަވެސް މިހާރު އޭނާ ވަނީ ބްރިގޭޑިއާ ޖެނަރަލް ރޭންކަށް ކުރިއެރުން ލިބިފައި އެވެ.

ޕްރެޒިޑެންޝަލް ގާޑްސްގެ ކޮމާންޑިން އޮފިސަރުގެ މަގާމުން ސަސްޕެންޑް ކުރުމުން ވަގުތީ ގޮތުން އެ ޒިންމާ ހަވާލު ކުރެއްވީ މޭޖަ އިބްރާހިމް ހަލީމްއާ އެވެ.

ރައީސް ދަތުރު ކުރައްވަމުން ގެންދެވި މޮޓޯކޭޑް ދިއުމަށް ހުރަސްއަޅާ އިދިކޮޅު ފަރަތްތަކުން ކުރަމުންދިޔަ މުޒާހަރާ ތެރެއިން ހިފެހެއްޓީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި، މާޗް މަހުގެ 8 ވަނަ ދުވަހުގެރޭ ހުޅުމާލޭގައި ހުންނަ އުމަރު ޒާހިރު އޮފީސް އިމާރާތުގައި ބޭއްވި ރަސްމިއްޔާތު ނިންމަވާލެއްވުމަށް ފަހު އެނބުރި މާލެ ވަޑައިގެން ރައީސްގެ ގެކޮޅަށް ވަޑައިގެންނެވި މަގުމަތީ ބޮޑުތަކުރުފާނު މަގުން ޕީޕީއެމް އޮފީސް ކުރިމަތިންނެވެ.

އެމްއެންޑީއެފް އިން މިމައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ވަނީ ފަށާފަ އެވެ. އަދި ޕްރެޒިޑެންޝަލް ގާޑްސްގެ ކޮމާންޑަރުގެ އިތުރުން އޭނާގެ ދަށަށް މަސައްކަތް ކުރާ އެހެން އޮފިސަރެއް ވެސް ވަނީ ސަސްޕެންޑް ކޮށްފަ އެވެ.

އެ މައްސަލަ ތަހުގީގު ކުރާ ކޮމެޓީގެ ޗެއާއަކީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް އެވެ.