މިއަދަކީ މިއަހަރުގެ ބައިނަލްއަގްވާމީ ކުޑަކުދިންގެ ދުވަހެވެ. ކުޑަކުދިންނާ ބެހޭ އެކި ވާހަކަތައް ދެކެވޭ މި ދުވަހު އެކުދިންގެ ނަފްސާނީ ސިއްހަތުގެ ވާހަކަ ދެއްކުމަކީ ވެސް މުހިއްމު ކަމެކެވެ.
ބޮޑު މީހުންނެކޭ އެއްފަދައން ކުޑަކުދިނުގެ ނަފްސާނީ ދުޅަހެޔޮ ކަމަކީ ވެސް ފަރުވާކުޑަ ކުރެވިގެންވާނެ ކަމެއް ނޫނެވެ. ދަރިންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރު ކުރުމަކީ ގޭތެރޭގެ މާހައުލުން ފެށެންވާނެ ކަންކަމެވެ. އެގޮތުން ކުރެވިދާނެ ބައެއް ކަންކަމަށް ބަލާލާނަމެވެ.
ދަރިންނާއެކު ވަގުތު ހޭދަކުރުން
ހަރަދު ކުރެވޭ ފައިސާއަށްވުރެ ދަރިންގެ ނަފްސާނީ ސިއްހަތަށް ފައިދާބޮޑީ އާއިލާއާއެކު ހޭދަކުރެވޭ ވަގުތެވެ. ކޮންމެ ދުވަހަކު ވެސް މައިންބަފައިން ދަރިންނާއެކު ވަގުތު ހޭދަކޮށް އެކުގައި ކަމެއް ކުރުމަކީ އެކުދިންގެ ސިކުނޑީގެ ހެދިބޮޑުވުން ރަނގަޅު ކުރުވާ ކަމެކެވެ.
ދަރިންގެ ވާހަކަތައް އަޑުއެހުން
މުހިއްމު ނޫން ކަމަށް ހިތައި ގިނަފަހަރަށް އަޅައިނުލާ ދޫކޮށްލެވޭ ދަރިފުޅުގެ ވާހަކަތަކަކީ އެ ކުދިންގެ ހިތުގެ އިހުސާސްތައް ކަމުގައި ވެދާނެ އެވެ. އެގޮތަށް އެ ވާހަކަތަކަށް ސަމާލުކަން ނުދީފިނަމަ ކުދިންނަށް އެކަނިވެރިކަން އިހުސާސް ކުރުވާއިރު އެ ވާހަަކަތައް ކަނުލާ އަޑު އެހުމުން ކުދިންނަށް އިތުރު ހިތްވަރެއް ލިބެ އެވެ.
ހައްގު ތައުރީފް ކުރުން
ކޮންމެ ބެލެނިވެރިއަކުވެސް ދަރިފުޅު ކުރާ ގޯސްތައް ފާހަގަކޮށް ފާޑުކިޔާއިރު، އެކުއްޖެއްގެ ކިބައިން ފެންނަ ހެޔޮކަމަށް ތައުރީފު ކުރުމަކީ ހަމަ އެހާމެ މުހިންމު ކަމެކެވެ. މިކަން ކުރެވުމުން އެކުއްޖާއަށް ރަނގަޅު ސުލޫކަށް ސަމާލުކަންދީ، އަމިއްލަ ނަފްސާއިމެދު ރަނގަޅު އިޙްސާސެއް ކުރެވޭނެ އެވެ.
އެހެން ކުދިންނާ އަޅާނުކިޔުން
އަޅާކިޔުމަކީ އެއްވެސް އިރަކު ރަނގަޅު ގޮތެއް ނޫނެވެ. އެއީ ކުއްޖާއަށް ދަށު ދަރަޖައިގެ އިހްސާސެއް ކުރެވިދާނެ ކަމެކެވެ. ރަނގަޅު ގޮތުގައި ދަރިން ތަރުބިއްޔަތު ކުރުމަށްޓަކައި ދަރިން އެކުދިންގެ ރައްޓެހިންނާއި އެއްބަނޑު އެއްބަފާ ކުދިންނާ އަޅާކިޔުމުގެ ބަދަލުގައި ކުދިންގެ އަމިއްލަ އިހްތިރާމް ވަރުގަދަކޮށް، އެކުދިންގެ ހާއްސަ ލަނޑުދަނޑިތައް ހާސިލުކުރުމަށް ބާރު އެޅުން މުހިންމެވެ.
ސްޓްރެސްއާ ކުރިމަތިލާން ދަސްކޮށްދިނުން
ސްކޫލުގެ މާހައުލުގައި ވެސް ވާދަވެރިކަން އޮތް މި ދުވަސްވަރު ކުޑަ ކުދިންނަށް ސްޓްރެސްއަކީ ކުރިމަތިނުވެ ނުދާނެ ކަމެކެވެ. އެހެން ނަމަވެސް ހާސްކަމާއި ނުތަނަވަސްކަމާ ރަނގަޅަށް ކުރިމަތިލާން ދަސްކޮށްދިނުމަކީ ކުރެވޭނެ ކަމެކެވެ. ހާސްވާ ވަގުތު ކުރެވިދާނެ ކަމެއް މަޝްވަރާކޮށް ކަނޑައަޅާށެވެ.