ކުޑަކުދިން ބޮޑުވެގެން ޒިންމާދާރު ބަޔަކަށްވުމަކީ ގިނަ މީހުން ދަރިންނާމެދު ދެކޭ ހުވަފެނަކަށް ވާއިރު އެންމެ ތުއްތު އިރުން ފެށިގެން ވެސް އެ ފުރުސަތުތައް ކުދިންނަށް ދިނުމަކީ މުހިންމުކަމެއްކަމަށާއި، މިގޮތުން ބަސްބުނުމުގެ ހައްގާއި އެކުދިން ދެކޭގޮތް ހާމަކުރުމުގެ ފުރުސަތު އެންމެ ފުޅާދާއިރާއެއްގައި ކުދިންނަށް ދޭންޖެހޭ ކަމުގައި ރައީސްގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވިދާޅުވެއްޖެ އެވެ.
އެކަމަނާ މިފަދައިން ވިދާޅުވެފައި ވަނީ މި އަހަރުގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް މެދުވެރިކޮށް ދެއްވި ވީޑިއޯ މެސެޖެއްގަ އެވެ.
ރައީސްގެ އަނބިކަނބަލުންގެ މެސެޖުގައި ކުޑަކުދިންނަށް ލިބިފައިވާ ހައްގުތަކާއި އެކު ޒިންމާތަކެއް ވާކަން ވަނީ ތަކުރާރުކޮށް ހަނދާންކޮށް ދެއްވާފަ އެވެ. އެގޮތުން އެކަމަނާ ވިދާޅުވި ގޮތުގައި ރަނގަޅު ކާނާ ލިބުމަކީ ކުދިންގެ ހައްގެއް ނަމަވެސް ރަނގަޅު ކާނާ ލިބުނީމާ އެތަކެތި އިސްރާފު ނުކުރުމަކީ ކުދިންނަށް އޮތް ޒިންމާއެއް ކަމުގައި ވިދާޅުވި އެވެ. ހަމަ އެފަދައިން އެކަމަނާ ވިދާޅުވިގޮތުގައި ރަނގަޅު ތަޢުލީމެއް ލިބުމަކީ ކުދިންގެ ޙައްޤެއް ނަމަވެސް ސްކޫލުން ދޭ ފިލާވަޅުތައް ފަރުވާތެރިކަމާއެކު ދަސްކުރުމާއި، މުދައްރިސުން ފިލާވަޅު ނަގާދޭއިރު ސަމާލުކަން ދިނުމާއި، ސްކޫލަށް ބޭނުންވާ ތަކެތި ދަބަހަށް އަޅާ ތައްޔާރު ކުރުން ފަދަ ކަންކަމަކީ ކުދިންގެ ޒިންމާއެއް ކަމުގައި އެކަމަނާ ސިފަކުރެއްވި އެވެ.
މި ވީޑިއޯ މެސެޖުގައި ފަޒްނާ އިތުރަށް ވިދާޅުވިގޮތުގައި އެކަމަނާގެ އުންމީދަކީ ކޮންމެ ކުއްޖަކީވެސް އިތުބާރުހިފޭ، ކޮންމެ ކަމެއްގައިވެސް އޮތް އެންމެ ރަނގަޅު ގޮތް ހިޔާރުކުރާ، އަނެކާއަށް އަޅާލުން ފަދަ ރަނގަޅު އާދަތައް ހަރުލާފައިވާ ކުދިބަޔަކަށްވުން ކަމަށާއި ޒިންމާދާރު ރައްޔިތަކަށް ވެވޭނީ އޭރުން ކަމުގައި ވިދާޅުވި އެވެ.
މި މެސެޖުގައި މައިންބަފައިންނާއި މުދައްރިސުންނާ މުޚާތަބްކުރައްވައި ފަޒްނާ ވިދާޅުވީ އެންމެ ޅަފަތުން ފެށިގެން ވެސް ކުދިންނަށް ޒިންމާ ނަގަން ދަސްކޮށްދިނުމަކީ މުހިންމުކަމެއް ކަމުގަ އެވެ. އަދި، ފަރުދީ ޒިންމާ ނެގުމުގެ މުހިންމުކަން އިޙްސާސްވާ ކުދިން، ސްކޫލްގައާއި މަސައްކަތުގެ މާޙައުލުގައާއި މުޅި މުޖުތަމަޢުގައި ވެސް ކާމިޔާބު މީހަކަށް ވުން ގާތްކަމުގައި ތަޖްރިބާކާރުން ވިދާޅުވާކަމަށާއި، ޒިންމާ ނެގުމުގެ އާދަ ހަރުލާފައި ތިބި ކުދިންނާ މީހުންގެ ކިބައިން ދިރިއުޅުމުގެ ކޮންމެ ކަމެއްގައިވެސް އެކަން ފެންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ވިދާޅުފަ އެވެ.
މީގެ އިތުރުން ވެސް އެކަމަނާ ވިދާޅުވީ ކަންކަމުގައި ކުދިން ޝާމިލު ކުރުން އެކަމަނާއަށް މާނަކުރެވޭ ގޮތަކީ، ކަންކަން ރާވަން ފަށާ ހިސާބުން އެ ކުދިންގެ ބަސް ހޯދުންކަމަށާއި، މިސާލަކަށް ކުދިންނަށް ތައްޔާރުކުރާ ޕާކު ފަދަ ތަންތަނުގެ ޤަވައިދު ހެދުމުގައި ކުދިންގެ ބައިވެރިވުން އޮވެއްޖެނަމަ އެ ޤަވައިދުތައް ދަމަހައްޓައި ކުދިން ޒިންމާ ނެގުމުގެ ފުރުޞަތު ބޮޑުވާނެކަމުގައެވެ. އަދި، މިފަދަ ކަންކަމުން ކުދިންނަކީ މުހިންމު ބައެއް ކަމާއި އެކުދިންނަށް ބޮޑެތި މީހުން އިތުބާރުކޮށް އިޙްތިރާމްކުރާކަން އެނގިގެންދާނެ ކަމުގައި ވެސް ރައީސްގެ އަނބިކަނބަލުން ވަނީ ފާހަގަކުރައްވާފަ އެވެ.