ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއާއި ގުޅިގެން ދައުވާ ކުރާ ތަހުމީން އަހުމަދަށް އަލުން ދިފާއީ ހެކި ހުށަހެޅުމަށް ކްރިމިނަލް ކޯޓުން ފުރުސަތު ދީފި އެވެ.

ތަހުމީނަށް އަލުން ހެކި ހުށަހަޅަން ފުރުސަތު ދިނީ އޭނާގެ ވަކީލުންގެ އިހުމާލުން ކަމަށްވާތީ އެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން ދިނަ ހަމަލާ އާއި ގުޅިގެން ދައުލަތުން ޓެރަރިޒަމްގެ ދައުވާ ކުރަނީ ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި ނ. މަނަދޫ ނޫރީގޭ އަލީ ހައިޝަމާއި ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީގެ އިތުރުން މ. ކުދެހިގޭ އިސްހާގު އަދި އއ. މާޅޮސް، އަސަރީގޭ މުހައްމަދު ނާޒިމްގެ މައްޗަށެވެ.

ތަހުމީނަށް އަލުން ހެކި ހުށަހެޅުމުގެ ފުރުސަތު ނެދޭން ކްރިމިނަލް ކޯޓުން ވަނީ ނިންމާފަ އެވެ. އެހެން ނަމަވެސް މިއަދު އަލުން ހެކި ހުށަހެޅުމުގެ ފުރުސަތު ދީފައި ވަނީ އޭނާގެ ކުރީގެ ވަކީލް އެކަމަށް އެދި ސިޓީއެއް ފޮނުވުމުންނެވެ. އެ ސިޓީގައި ވަކީލަށް ހެކި ހުށަނޭޅުނީ އޮޅިގެން ކަމަށް ބަޔާން ކޮށްފައިވެ އެވެ.

ދައުލަތުގެ އެއްވެސް އިއުތިރާޒެއް އޮތްތޯ ގާޒީ ސުވާލުކުރެއްވުމުން ދައުލަތުގެ ވަކީލް ވިދާޅުވީ ތަހުމީންގެ ހައްގަކަށް އުނިކަން އަންނާތީ އަލުން ހެކި ހުށަހަޅަން އޭނާއަށް ފުރުސަތު ދިނުމަށް އިއުތިރާޒެއް ނެތް ކަމަށެވެ.

ތަހުމީންގެ ފަރާތުން ހެކިހުށަހަޅަނީ އެރޭ އޭނާ ހުރީ އިޝާ ނަމާދުން ފެށިގެން ތަރާވީސް ނަމާދު ނިމެންދެން މިސްކިތެއްގައި ކަމަށާ އޭނާއަކީ ސައިކަލެއް ގަތުމުގެ ގާބިލިކަން ހުރި މީހެއް ނޫންކަން ސާބިތުކުރުމަށެވެ.

މި މައްސަލައިގައި ދައުލަތުން ދައުވާކޮށްފައިވާ މީހުންނަކީ މއ. ފޭރުގެ މުޖާޒް އަހްމަދާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދާއި، ނ. މަނަދޫ، ނޫރީގެ އަލީ ހައިޝަމްގެ އިތުރުން ގއ. ވިލިނގިލި ހުދުރުވާގެ، ފަހުމީ އަލީ އާއި، އއ. މާޅޮސް އަސަރީގެ، މުހައްމަދު ނާޒިމް އަދި މ. ކުދެހިގެ އިސްހާގެވެ.

މިމައްސަލާގައި ހިމެނޭ ފަހުމީއަށް ތުހުމަތު ކޮށްފައިވަނީ ގޮއްވާލި ސައިކަލުގައި ބޮން ހަރުކުރި ވަގުތު ފާރައަށް ހުރި ކަމަށެވެ. ނާޒިމަށް ތުހުމަތު ކުރެވެނީ ބޮން ގޮއްވި އަދުހަމް އަހުމަދަށް ބޮން ގޮއްވަން ބޭނުން ކުރި ރިމޯޓު ދިން ކަމަށެވެ. އަދި އިސްހާގަށް ތުހުމަތު ކުރެވެނީ އެކި ފަހަރުމަތިން ނަޝީދަށް ފާރަލި ކަމަށެވެ.

އަތަމާ ޕެލަސް އިމާރާތުގެ އެތެރޭގަ ހުރެ ރިމޯޓެއް ބޭނުންކޮށްގެން ބޮން ގޮއްވާލީ އަދުހަމް އެވެ. މި މައްސަލާގައި އަދުހަމަށް ކުރި ދައުވާތަކުގައި މިހާރު ވަނީ ހުކުމާހަމައަށް ގޮސްފައިވެ އެވެ. އޭނާގެ މައްސަލަ އަވަސް ނިޔާއެއްގެ ގޮތުގައި ގެންގޮސް, ހުކުމް އަވަހަށް އިއްވީ ކުށަށް އިއުތިރާފުވުމުންނެވެ.