އިންޑިއާގެ އެންމެ މަގުބޫލު އެއް ރިއަލިޓީ ޝޯ ކަމަށްވާ "ބިގްބޮސް އޯޓީޓީ"ގެ ހޯސްޓްގެ ގޮތުގައި މަޝްހޫރު ޑައިރެކްޓަރު އަދި ޕްރޮޑިއުޝަރު ކަރަން ޖޯހަރުގެ ބަދަލުގައި މަޝްހޫރު އެކްޓަރު ސަލްމާން ޚާން ހަމަޖައްސައިފި އެވެ.

ކަލާސް ޓީވީން ގެނެސްދޭ ރިއަލިޓީ ޝޯ "ބިގްބޮސް"އަކީ އިންޑިއާގެ އިތުރުން ދިވެހިންގެ މެދުގައި ވެސް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޝޯއެކެވެ. އެންމެ ގިނަ ބަޔަކު އަބަދުވެސް އިންތިޒާރުކުރާ އެއް ޝޯއަކީ "ބިގްބޮސް" އެވެ. މިޝޯ ހުށަހަޅައިދެނީ ސަލްމާން ޚާނެވެ.

އޯޓީޓީ ޕްލެޓްފޯމެއް ކަމަށްވާ ވޫޓްއިން "ބިގްބޮސް އޯޓީޓީ" ސީޒަން 2 ގެނެސްދިނުމަށް ތައްޔާރުވަމުން އަންނައިރު، މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިޝޯ މިފަހަރު ހުށަހަޅައިދެނީ ކަރަންގެ ބަދަލުގައި ސަލުމާން ޚާނެވެ. އެހެންނަމަވެސް މިކަން އެއްވެސް ފަރާތްތަކުން ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ.

ކަރަން އަކީ މީގެ ކުރިން ކަލާޒް ޓީވީއިން ގެނެސްދީފައިވާ ބައެއް ރިއަލިޓީ ޝޯތަކުގައި ޖަޖެއްގެ ގޮތުގައި ވަނީ ބައިވެރިވެފަ އެވެ. އަދި މީގެ އިތުރުން ބިގްބޮސް 16" ބައެއް އެޕިސޯޑްތައް ކަރަން ވަނީ ހުށަހަޅައިދީފަ އެވެ.

"ބިގް ބޮސް އޯޓީޓީ" ސީޒަން 2 ހޯސްޓް ކުރާނެ ފަންނާނަކާ ބެހޭ ގޮތުން އެކި ފަހަރު އަންނަނީ ތަފާތު ވާހަކަތަކެއް ފެތުރެމުންނެވެ

"ބިގް ބޮސް އޯޓީޓީ" ފުރަތަމަ ސީޒަން ކާމިޔާބު ކުރީ ދިވްޔާ އަގަރްވާލް އެވެ.

މިފަހަރުގެ ސީޒަންގައިވެސް ގިނަ މަގުބޫލު ޓީވީ ތަރިންނާއި ބައެއް ރިއަލިޓީ ޝޯތަކުގައި ބައިވެރިވެފައިވާ ފަންނާނުން ބައިވެރިވާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެގޮތުން ކަންގަނާ ރަނައުތު ހޯސްޓްކުރި "ލޮކް އަޕް" ކާމިޔާބު ކުރި މުނަވަރު ފާރޫގު އާއި "ހަތުރޯން ކޭ ކިލާޅީ 11" ކާމިޔާބު ކުރި އަރްޖުން ބިޖްލާނީ އާއި ޓީވީ ތަރިޔަކީ ދިވްޔަންކާ ޓްރިޕާތީ ފެނިގެންދާނެ އެވެ. އެހެން ނަމަވެސް މިފަހަރުގެ ސީޒަންގައި ބައިވެރިވާ ފަންނާނުނެއް ކަށަވަރެއް ނުވެ އެވެ.