ހިޔާ ފްލެޓްގެ ކުލި ކުޑަކުރީ ސިޔާސީ މަގުސަދެއްގައި ސަރުކާރުން ރިޔާސީ އިންތިހާބަށް ނޫން ކަމަށް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެ އެވެ.

ސަރުކަރުން މިއަދު ވަނީ ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކޮށްފައިވާ ކަން އިއުލާން ކޮށްފަ އެވެ.

އެކަމާ ގުޅިގެން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަކުރަމް ވިދާޅުވީ ހިޔާ ފްލެޓްތަކުގެ ކުއްޔަށް ސަރުކާރުން ލުޔެއް ދިނީ ހިޔާ ޔޫނިއަންގެ ފަރާތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އާއި ބައްދަލުކުރުމަށް ފަހު ހުށަހެޅި ކަންތައްތަކަށް ބެލުމަށް ފަހު ކަމަށެވެ. އަދި ފްލެޓްތަކުގެ ކުލި ކުޑަނުކުރާ ކަމަށާއި މިވަގުތައް ކުއްޔަށް ލުޔެއް ދިނީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަކުރަމް ވިދާޅުވީ ހިޔާ ފްލެޓްތަކުގެ ކުއްޔަށް މިގެނައި ބަދަލާއި ކުރިއަށް އޮތް ރިޔާސީ އިންތިހާބާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އެއީ އިންތިހާބާ ދިމާކޮށް ކުރި ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަނަސް އަބްދުއްސައްތާރު ވިދާޅުވީ ހިޔާ ފްލެޓްގެ އަގު ބޮޑު ކަމަށް ބުނެ ވަރަށް ގިނަ މީހުން ޝަކުވާ ކުރަމުން އަންނަ ކަމަށެވެ. އަދި އެ ޝަކުވާތައް އަހައި އެ ރައްޔިތުންގެ ޝަކުވާތަކަށް ލުޔެއް ހޯދައިދިނުމަށް އަބަދުވެސް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ހިޔާ ފްލެޓްގެ އިންސްޓޯލްމަންޓަށް ގެނައި ބަދަލާ ބެހޭ ގޮތުން އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފު މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެނީ. ފޮޓޯ: ރައީސް އޮފީސް

މީގެ ކުރިން ވެސް ފިޔަވަޅުތަކެއް އަޅަމުން އައި ކަމަށާއި އެކަމުގައި ސިޔާސީ މަގުސަދެއް ނެތް ކަމަށް އަނަސް ވިދާޅުވި އެވެ.

ހިޔާ ފްލެޓުގައި ދިރިއުޅޭ މީހުން ދައްކަން ޖެހޭ ކުއްޔަށް ލުޔެއް ދިނީ ހަތް އަހަރު ދުވަހަށެވެ. އެގޮތުން ހަތް އަހަރު ވަންދެން ކުލީގެ ގޮތުގައި މަހަކު ދައްކަން ޖެހޭނީ 5،300 ރުފިޔާ އެވެ. ހަތް އަހަރު ނިމުމުން 7،500ރ. ދައްކަން ޖެހޭނެ އެވެ.

މި މަހުން ފެށިގެން ހިޔާގައި ދިރިއުޅޭ މީހުން މަހަކު ދައްކަން ޖެހޭނީ މެއިންޓަނަންސް ފީގެ ގޮތުގައި ދައްކަން ޖެހޭ 1،000ރ. އާ އެކު ޖުމްލަ 6،300ރ. އެވެ. ހަތް އަހަރު ފަހުން، މިހާރު ވެސް ކުލި ދައްކާ ގޮތަށް 8،500ރ. ދައްކަން ޖެހޭނެ އެވެ.