މަޝްހޫރު ބޮލީވުޑްގެ ތަރި ކަރީނާ ކަޕޫރަކީ ފިލްމު އިންޑަސްޓްރީގައި ކުރި ހޯދާފައިވާ ކާމިޔާބު ތަރިއެކެވެ.

ހަމައެހެންމެ ކަރީނާ ވަނީ އޭނާގެ އެކްޓިންގެ ހުނަރުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދައި، މަޝްހޫރުވެފަ އެވެ. ކަރީނާ ހޯދާފައިވާ މަޝްހޫރުކަމާއެކު، އޭނާއާ ގުޅޭ ހުރިހާ މައުލޫމާތުތަކަކީ ވެސް ފޭނުން ބަލަން ބޭނުންވާ މައުލޫމާތުތަކެކެވެ.

އެގޮތުން ގިނަ ބަޔަކަށް ދާދި ފަހުން އެނގުނު އެއް ކަމަކީ ކަރީނާގެ ނަން، ފޮތެއްގެ ނަމަކުން ބަލައިގެން ދިން ކަމެވެ.

ކަރީނާގެ މަންމަ ބަބީތާ ކަޕޫރު އޭނާއަށް މާބަނޑު ދުވަސްވަރު، ލިއޯ ޓޮލްސްޓޯއީގެ "އެނާ ކެރެނިނާ" ފޮތް ވަރަށް ގިނައިން ކީކަމަށް ކަރީނާ ހާމަކުރި އެވެ. އަދި އެ ފޮތުގައިވާ މައުލޫމާތާއި، ފޮތުގެ ނަން ކަމުދިޔުމުގެ ސަބަބުން، ކަރީނާގެ ނަން ފޮތުން ނަގައިގެން ކީކަމަށް ކަރީނާގާތު އޭނާގެ މަންމަ ކިޔައިދިންކަމަށް ކަރީނާ ބުންޏެވެ.

ކަރީނާ ބުނިގޮތުގައި އޭގެ ކުރިން ކަރީނާއަށް ކިޔުނު ނަމަކީ ސިއްދިމާ އެވެ. އެހެން ނަމަވެސް ބަބީތާއަށް ކަމުދިޔަ ނަމަށް އަލުން ބަދަލުކުރީ ކަމަށް ކަރީނާ ބުންޏެވެ.

ކަރީނާގެ ފިލްމީ މަސައްކަތަށް ބަލާއިރު، އޭނާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ އާމިރު ޚާނާއެކު "ލާލްސިންގް ޗައްޑާ"އިންނެވެ. ކަރީނާ ވަނީ ދެ ފިލްމެއްގެ ޝޫޓިން މިދިޔަ އަހަރު ނިންމާފަ އެވެ. އެއީ ޑައިރެކްޓަރު ސުޖޯއި ގޯޝްގެ ތުރިލާއަކާއި ޑައިރެކްޓަރު ހެންސަލް މެހެތާގެ ތުރިލާއެކެވެ.