ނިއުދިއްލީ (5 ޖެނުއަރީ ) - އިންޑިޔާގެ އެކި ސްޓޭޓްތަކުން ޖަނަވާރުންގެ މެދުގައި ފެތުރޭ ނުރައްކާތެރި ބައްޔެއް ކަމަށްވާ ދޫނި ރޯގާ ފެނިއްޖެ އެވެ.

އިންޑިއާގެ ހިމާޗަލް ޕްރަދޭޝްގެ އުތުރުގެ ހިސާބުތަކުން މިދިޔަ ހަފްތާގައި ގާތްގަނޑަކަށް 2،400 ހިޖުރަކުރާ ދޫނި އަދި މިދިޔަ ހޯމަ ދުވަހު 600 ދޫނި މަރުވެފައިވާ ކަމަށާ ދޫނިތަކުން ނެގުނު ސާމްޕަލް އެޗްފައިވް އެންވަން އަށް ޕޮޒިޓިވްވެފައިވާ ކަމަށް އެ ސްޓޭޓްގެ ވައިލްޑްލައިފް ޗީފް އާޗަންނާ ޝަރުމާ ވިދާޅުވި އެވެ.

މިދުވަސްވަރު ދުނިޔޭގެ އެކި ގައުމުތަކުގައި ދަނީ ހަލުވިކަމާއެކު ދޫނި ރޯގާ ފެތުރެމުންނެވެ. މި ރޯގާގެ އިތުރު ވައްތަރެއް ކަމަށްވާ އެޗްފައިވް އެންއެއިޓް ވެސް ވަނީ ބައެއް ގައުމުތަކުން ފެނިފަ އެވެ.

ދޫނި ރޯގާ ފެނުމާ ގުޅިގެން ސްޓޭޓްތަކުގައި ވަނީ އަސްދޫނި އަދި ކުކުޅު ގެންގުޅޭ ފަރާތްތަކުން އެ އެއްޗެހި ވިއްކުމާއި، އެކްސްޕޯޓްކުރުން މަނާ ކޮށްފަ އެވެ.

ދޫނި ރޯގާފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން މި ބަލި ފެނުނު ސަރަހައްދުތަކުން އެއް ކިލޯ މީޓަރުގެ ސަރަހައްދުގައި ގެންގުޅޭ ހުރިހާ ދޫނިތަކެއް މަރާލުމަށް ވަނީ އަންގާފަ އެވެ.

ދޫނި ރޯގާ ފެނުނު ކަމަށް ރިޕޯޓްކޮށްފައިވާ ސްޓޭޓްތަކުގެ ތެރޭގައި ރާޖިސްތާން، މަދްޔާ ޕްރަދޭޝް، ޕަންޖާބް، ހަރިޔަނާ، ކެރެލާގެ ދެކުނު އަވަށްތަކުންނާއި އަދި ހިމާޗަލް ޕްރަދޭޝް ހިމެނެ އެވެ. – ޓީއާރްޓީ ވޯލްޑް