ދައުލަތުގެ ބަންޑާރަ ނައިބަކީ ވަކި މީހަކު ހަދާފައިވާ ޑީލެއްގެ ދިފާއުގައި މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާ ބޭފުޅެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.
ފޯޅަވަހި މައްސަލާގައި ސަރުކާރުގެ ނިންމުމާ ދެކޮޅަށް އިދިކޮޅު ޕީޕީއެމް، ޕީއެންސީއާއި ޖުމްހޫރީ ޕާޓީ އާއި މޯލްޑިވްސް ނޭޝަނަލް ޕާޓީ އާއި ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދު ކުރައްވާ މަޖިލިސް މެމްބަރުންތަކެއް ގުޅިގެން ވަނީ ސަރުކާރާ ދެކޮޅަށް މަސައްކަތްކުރުމަށް ޖޮއިންޓް ޕާލިމަންޓަރީ ގުރޫޕެއް އުފައްދައިފަ އެވެ.
ޖޮއިންޓް ޕީޖީ ގުރޫޕުން އިއްޔެ ވަނީ ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފަ އެވެ.
މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ހުސައިން ވިދާޅުވީ ރިއްފަތުގެ މައްސަލަ ހުށަހަޅަން ޖެހުނީ ދިވެހިރާއްޖޭގެ ދެކުނުން ވެސް 200 މޭލަކީ ރާއްޖެއަށް ހާއްސަ ސަރަހައްދެއް ކަމަށް ކަނޑައަޅާފައި ވަނިކޮށް މި ކަނޑާ ގުޅިގެން ހުށަހެޅުނު މައްސަލާގައި ބަންޑާރަ ނައިބު އަޅުގަނޑުމެންގެ ގާނޫނުގައި ކަނޑައެޅިގެން ދީފައިވާ ކަމައް އަޅުގަނޑުމެން ގަބޫލުކޮށްގެން ތިބި ގަބޫލު ކުރުމެއް ދިފާއު ނުކުރައްވާ އެހެން ބައެއްގެ މަސްލަހަތުގައި މަސައްކަތް ކުރުން ކަމަށެވެ.
ބަންޑާރަ ނައިބަކީ މުޅި ދައުލަތުގެ ދިފާއުގައި އަދި ރައްޔިތުންގެ ދިފާއުގައި މަސައްކަތް ކުރައްވަން ޖެހޭ ބޭފުޅެއް ކަމަށާއި ވަކި މީހެއްގެ ދިފާއުގައި ނުވަތަ ވަކި މީހަކު ހަދާފައި އޮތް ޑީލެއްގެ ދިފާއުގައި މަސައްކަތް ކުރަން ޖެހޭ ބޭފުޅެއް ނޫން ކަމަށް އަލީ ވިދާޅުވި އެވެ.
"ދިވެހި ރާއްޖޭގެ ދިފާއު ކުރުމަށްޓަަކާ ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަން ޖެހޭނެ. ރާއްޖޭގެ އިމުން އަދި ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން އެއްމެ އިންޗިއެއް ވެސްް ދޫކޮށްލުމުގެ ބާރެއް އިހުތިޔާރެއް ބަންޑާރަ ނައިބަކަށް ވެސް އަދި އެއްވެސް މީހަކަށް ވެސް ލިބިގެނެއް ނުވޭ. އެ ހައްގު އެއޮތީ އަޅުގަނޑުމެން ކުރިމަތީ ފާޅުގައި ދޫކޮށްލާފައި. އެހެން ވީމާ މިހާރު ހަގީގަތުގައި ވެސް ބަންޑާރަ ނައިބަކަށް އިތުބާރެއް ނެތް،" އަލީ ހުސައިން ވިދާޅުވި އެވެ.
ރާއްޖެ އާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ހާއްސަ އިގްތިސާދީ ސަރަޙައްދުގެ އިން ވަކިކުރުމުގެ މައްސަލައިގައި ދިވެހިރާއްޖެ އިން ވަކާލާތުކުރި ގޮތަށް ރާއްޖެއަށް ބޮޑުބައި ލިބޭ ގޮތަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ވަނީ ނިންމަައިފަ އެވެ.
ދެ ގައުމުގެ މެދުގައި ފުށުއަރާ 92،563 އަކަކިލޯމީޓަރުގެ ސަރަހައްދުގެ ތެރެއިން ރާއްޖެއަށް 47،232 ކިލޯމީޓަރު އަދި މޮރިޝަސްއަށް 45،331 ކިލޯމީޓަރު ސަރަަހައްދެއް ލިބިގެންވާ ކަމަށް އިޓްލޮސްގެ ނިންމުމުގައިވެ އެވެ.