ލަންޑަން (5 ޖެނުއަރީ ) - އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން މިމަހު އިންޑިއާއަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅު ކެންސަލްކުރައްވައިފި އެވެ.

ބޮޑުވަޒީރު އޮފީހުގެ ސްޕޯކްސް ޕާސަން ވިދާޅުވީ އިންޑިއާ ދަތުރުފުޅު ކެންސަލް ކުރެއްވީ އިނގިރޭސިވިލާތުގައި ކޮވިޑް ވައިރަސް ފެތުރުން އިންތިހާއަށް އިތުރުވެ، ވައިރަސް ކޮންޓްރޯލް ކުރުމަށް އިނގިރޭސިވިލާތުން އަޅާފައިވާ ފިޔަވަޅުތަކުން އެއްވެސް ލުޔެއް ލިބިފައި ނުވާތީ އަލުން މުޅި ގައުމު ލޮކްޑައުންއަށް އިއްޔެ ރެއިން ފެށިގެން ގެންދިއުމާ ގުޅިގެންނެވެ. އަދި މިހާރުގެ ހާލަތު ހުރި ގޮތުން ބޮޑުވަޒީރު ގައުމުގައި މިވަގުތު ހުންނަވަން ޖެހިފައިވުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސްޕޯކްސް ޕާސަން އިތުރަށް ވިދާޅުވީ އިންޑިއާއަށް މިއަހަރުގެ މެދުތެރޭގައި ދަތުރުކުރެއްވޭނެ ކަމަށް ބޮޑު ވަޒީރު އުންމީދުކުރައްވާ ކަމަށެވެ.

އިނގިރޭސިވިލާތް ޔޫރަޕިއަން ޔޫނިއަނުން ވަކިވުމާ ގުޅިގެން ވިޔަފާރީގެ ގުޅުންތަށް ގާއިމްކުރުމަށް އެ ގައުމުން ވަނީ އެކި ގައުމުތަކާ މަޝްވަރާކުރުމަށް ތައްޔާރަށް ތިބި ކަމަށް ބުނެފަ އެވެ. މިގޮތުން އިންޑިއާ ދަތުރަކީ ވެސް އިނގިރޭސިވިލާތާއި އިންޑިއާއާ ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމަށް މަޝްވަރާކުރުމަށް ކުރައްވާ ދަތުރުފުޅެކެވެ.

އިނގިރޭސިވިލާތުން ފެނުނު ކޮވިޑް ވައިރަސްގެ އައު ވޭރިއަންޓާ ގުޅިގެން އެ ގައުމުގައި ވަނީ ވައިރަސް ޖެހޭ މީހުން ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އަދި މިކަމާ ގުޅިގެން އިނިގިރޭސިވިލާތުން ވަނީ ތިންވަނަ ފަހަރަށް އެ ގައުމު ލޮކްޑައުން އަކަށް ދިއުމަށް ނިންމާފަ އެވެ.

ހޯމަ ދުވަހުގެ ނިޔަލަށް އިނގިރޭސިވިލާތުން ވަނީ މުޅިން އަލަށް 58,784 ކޮވިޑް ކޭސް ރިޕޯޓްކޮށްފަ އެވެ. އަދި މިދިޔަ 28 ދުވަސް ތެރޭގައި އެގައުމުން ކޮވިޑް ރޯގާ ޖެހިގެން 407 މީހުން ވަނީ މަރުވެފަ އެވެ. މިއާއެކު އެގައުމުން 75838 މީހުން ވަނީ މި ރޯގާގައި މަރުވެފަ އެވެ. – އަލްޖަޒީރާ