ބޮލީވުޑް މަޝްހޫރު ބަތަލާ އަނުޝްކާ ޝަރުމާއި ބަތަލާ ސަމަންތާ ރޫތު ޕްރަބާ އެކުގައި ފެނިގެންދާ ވެބް ސީރީޒެއްގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ އެވެ.

ސަމަންތާ އާއި އަނުޝްކާ އެކުގައި ފެނިގެންދާ ވެބް ސީރިޒް ބިނާވެފައިވަނީ އަންހެނުންގެ ކުރިއެރުން ހޯދުމަށް ކުރާ މަސައްކަތުގެ މައްޗަށެވެ.

މިވެބް ސީރީޒްގައި ލީޑް ރޯލުން ސަމަންތާ ފެނިގެންދާއިރު ވަރަށް ހާއްސަ ރޯލަކުން އަނުޝްކާ ފެނިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އަދި ނަމެއް ދީފައިނުވާ މިވެބް ސީރީޒް ޑައިރެކްޓްކުރާނީ އަނުޝްކާގެ ބޭބެ ކަރުނޭޝް ޝަރުމާ އެވެ.

އެހެން ނަމަވެސް މިކަމާއި ބެހޭ ގޮތުން އެއްވެސް މީހަކު ރަސްމީކޮށް އެއްޗެއް ހާމަކޮށްފައިނުވެ އެވެ.

މީޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ސަމަންތާ މިހާރު ފޯކަސް ކުރަމުންދަނީ ވިޖޭ ދޭވަރަކޮންޑާއާއެކު އޭނާގެ ޓެލެގޫ ފިލްމު "ކުޝީ" މަސައްކަތް ނިމުމަށެވެ.

ދާދި ފަހުން ލަންޑަނުގައި ޕްރިޔަންކާ ޗޯޕްރާ އާއި ރިޗާޑް މެޑެންގެ ސިޓަޑެލްގެ ޕްރިމިއާގައި ސަމަންތާ ވަނީ ބައިވެރިވެފަ އެވެ. ސިޓަޑެލް އިންޑިއާގެ ހެޑްލައިންގައި ހަރަކާތްތެރިވާ ބަތަލާއާ އެކު އޭނާގެ ކޯ ސްޓާ ވަރުން ދަވަން އާއި ކްރިއޭޓަރުން ކަމަށްވާ ރާޖް އަދި ޑީކޭ ވެސް ބައިވެރިވި އެވެ.