ތަކެތީގެ އަގު އުފުލޭ މިންވަރު މިދިޔަ 10 އަހަރާއި އަޅާ ބަލާއިރު މިހާރު އިންތިހާއަށް ބޮޑުވެފައިވާ ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެ އެވެ.
އަމްރު މިހެން ވިދާޅުވީ ރާއްޖޭގެ ނޮމިނަލް ޖީޑީޕީ ފުރަތަމަ ފަހަރަށް 100 ބިލިއަން ރުފިޔާއިން މައްޗަށް މިއަހަރު އަރާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވާ ކުރެއްވި ޓްވީޓެއްގަ އެވެ.
އަމްރު ވިދާޅުވީ ތަކެތީގެ އަގު އުފުލޭ މިންވަރު މިދިޔަ 10 އަހަރު ދުވަހަށްވުރެ ބޮޑުވެފައިވާ ކަމަށެވެ.
"މާނައަކީ ކުރިން 100 ރުފިޔާ ލިބުނީމަ 50 ރުފިޔާ ހަރަދު ކުރިއްޔާ، މިހާރު 120 ރުފިޔާ ލިބުނީމަ 90 ރުފިޔާ ހަރަދުކުރަން ޖެހޭ." އަމްރު ވިދާޅުވި އެވެ.
މީގެ އިތުރަށް އަމްރު ވިދާޅުވީ ސަރުކާރު ހިންގުމުގެ ހަރަދު އިންތިހާޔަށް ބޮޑުވެފައިވާ ކމަށާއި އެކަމުގެ ނުރައްކާ ވޯލްޑް ބޭންކުން ފާހަގަކޮށްފައިވާ ކަމަށެވެ.
ފިނޭންސް މިނިސްޓަރު އަމީރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިގުތިސާދީ ގޮތުން ރާއްޖެއަށް ކުރިމަތިވެފައިވާ ގިނަ ގޮންޖެހުންތަކާއެކު ވެސް އިގްތިސާދީ ކުރިއެރުން ހޯދުމަށް ސަރުކާރުން ގެންގުޅޭ މެކްރޯ އިކޮނޮމިކްގެ ސިޔާސަތުތައް ރަނގަޅު ކަމުގެ ހެއްކި ފެންނަމުން އަންނަ ކަމަށެވެ.
ފަތުރުވެރިކަމުގެ ދާއިރާއަށް ލިބޭ ކުރިއެރުމާއި އަދި ގުޅުންހުރި އެހެނިހެން ދާއިރާތަކުން ލިބޭ އިގްތިސާދީ ކުރިއެރުންތަކުގެ ސަބަބުން 2023 ވަނަ އަހަރުގެ ރިއަލް ޖީޑީޕީ ކުރިން ލަފާކުރި 7.6 އިންސައްތައަށްވުރެ މިހާރު ލަފާ ކުރާ މިންވަރު 9.4 އިންސައްތަ މައްޗަށް ދާނެ ކަމަށް ލަފާކުރެވޭކަމަށްވެސް އަމީރު ވިދާޅުވެފައިވެ އެވެ.