ޗާގޯސްގެ ސިޔާދަތީ ބާރު ދޭނެ ބައެއް ކަނޑައެޅުމަށް ރާއްޖެއިން ވާހަކަ ދައްކަންވީ އިނގިރޭސިވިލާތާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަކަށް ފޮނުއްވެވި މެސެޖެއްގައި ވިދާޅުވީ ތިން ކަމެއްގެ މައްޗަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އާއި މަޖިލީހުގެ މެންބަރުން އިނގިރޭސިވިލާތާއެކު ވަކާލާތުކުރަން ޖެހޭ ކަމަށެވެ.
އެގޮތުން ޗޯގޯސް އައިލެންޑްސް އިން އިނގިރެސީން އަތް ދޫކޮށްލާއިރު އެތަން ހަވާލުކުރާނެ އެންމެ ރަނގަޅު ބައެއް ދެނެގަތުމަށް އެ ގައުމާއެކު މަޝްވަރާކުރަންޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި ޗާގޯސްގައި އިނގިރޭސިން ތިބޭއިރު އެ ސަރަހައްދުގެ ކަނޑުގައި މަސްވެރިކަން މަނާކުރުމަށާއި ޗާގޯސްގައި އިނގިރޭސިން ތިބޭއިރު ރާއްޖޭގެ ބޯޑަރު ކުރިންވެސް އޮތް ގޮތަށް ބޭނުންކުރެވޭ ގޮތް ހެދުމަށް މަޝްވަރާކުރަންޖެހޭ ކަމަށް ނަޝީދު ވަނީ ވިދޅާުވެފައި އެވެ.
ރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ހާއްސަ އިގްތިސާދީ ސަރަޙައްދުގެ އިން ވަކިކުރުމުގެ މައްސަލައިގައި ދިވެހިރާއްޖެ އިން ވަކާލާތުކުރި ގޮތަށް ރާއްޖެއަށް ބޮޑުބައި ލިބޭ ގޮތަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން މައްސަލަ ނިންމީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ.
ރާއްޖެއާ ދެކޮޅަށް މޮރިޝަސް އިން އިޓްލޮސްއަށް ހުށަހަޅާފައި ވަނީ ރާއްޖެއާއި މޮރިޝަސްގެ އިގްތިސޯދީ ހާއްސަ ސަރަހައްދާއި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ކަނޑައަޅައިދިނުމަށެވެ.
މިމައްސަލާގައި މިއަދު އިޓްލޮސް އިން ނިންމީ ފުށުއަރާ ސަރަހައްދު އިކުއިޑިސްޓެންސްގެ އުސޫލުގެ ދަށުން ބަހާލާށެވެ.