ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު އަވަހާރަކޮށްލަން އުޅުނު ކަމުގެ ތުހުމަތުގައި މއ. ނައިޓްވިލާ، އިބްރާހީމް އަބްދުﷲ (ގައްބަރޭ) ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ.

ފުލުހުން މިރޭ ކުރި އިއުލާނުގައި ވަނީ އިބްރާހިމް ޢަބްދުﷲ ހޯދަމުންދަނީ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ، ގްރޫޕް ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގައި، މީހަކު މަރާލަން އުޅުުނުކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރުމަށްޓަކައި ކަމަށެވެ.

އެނގިފައިވާގޮތުގައި އޭނާގެ މައްޗަށް ކުރާ ތުހުމަތަކީ މެމްބަރު ޒަރީރު އަވަހާރަކޮށްލަން އުޅުނު ކަމުގެ ތުހުމަތެވެ.

އިބްރާހިމް ޢަބްދުﷲއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅައި އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ. އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރުއަދާކޮށްފަ އެވެ.

ގައްބަރޭ އަކީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މައްޗަންގޮޅީ ދެކުނު ދާއިރާގެ ރައީސެވެ. ގައްބަރޭގެ އުމުރުން 16 އަހަރުގައި މީހަކު މަރާލި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލި އެވެ. ނަމަވެސް އެ ދައުވާ ސާބިތެއްނުވި އެވެ.