ކެޓްރީނާ ކައިފްއާއި ވިކީ ކައުޝަލްއަކީ ބޮލީވުޑް ޖޯޑުތަކުގެ ތެރެއިން އެންމެ ގިނަ މީހުންގެ މަގްބޫލުކަން ހޯދާފައިވާ ޖޯޑުތަކުގެ ތެރެއިން ޖޯޑެކެވެ. އެ ދެމީހުންގެ ލޯބީގެ ވާހަކައަކީ އާއްމުންނާއި އިންޑިއާގެ މީޑިއާތަކުން ވެސް ދައްކާ ވާހަކަ އެކެވެ.

ވިކީގެ ކުރިއަށް އޮތް ފިލްމު "ޒަރާ ހަޓްކޭ ޒަރާ ބަޗްކޭ"ގެ ޓްރައިލާ ލޯންޗު ކުރުމުގެ ހަފްލާގައި ވިކީ މިވަނީ ކައިވެންޏާއި ކައިވެނީގެ ސަބަބުން އޭނާގެ ދިރިއުޅުމަށް އައި ބަދަލުތަކާ ބެހޭ ގޮތުން ވާހަކަ ދައްކާފަ އެވެ.

އެގޮތުން ކައިވެންޏާއެކު ދިރިއުޅުމަށް އައީ ކޮން ބަދަލުތަކެއްތޯ ސުވާލު ކުރެވެމުން ވިކީ ބުނީ އޭނާއާއި ކެޓުރީނާއަކީ ތަފާތު ދެ ސަގާފަތަކަށް ނިސްބަތްވާ ދެމީހުން ކަމުން އެކަކު އަނެކަކުގެ ސަގާފަތަށް އިހުތިރާމް ކުރަން ދަސްވެފައިވާ ކަމަށެވެ.

މި އިންޓަވިއުގެ ތެރެއިން އެންމެ ފާހަގަވީ ކެޓްރީނާ ނޫން އެހެން މީހަކާ ކައިވެނި ކުރާނަންތޯ ނޫސްވެރިޔަކު އެހުމުން ވިކީ ދިން ޖަވާބެވެ.

އިންޓަވިއުއަށްފަހު ގެއަށް ދާން ޖެހޭނެ ކަމަށް ބުނެ ސަމާސާ ކޮށްލަމުން އޭނާ ބުނީ ކެޓްރީނާއާއި އޭނާގެ ގުޅުމަކީ އުމުރު ދުވަހުގެ ގުޅުމެއް ކަމަށެވެ.

ކެޓްރީނާއާއި ވިކީ ކައިވެނި ކޮށްފައިވަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 09 ވަނަ ދުވަހު އެވެ. ކައިވެންޏަށް އަހަރެއް ވެފައވާއިރު އެ ދެމީހުންގެ ލޯތްބަށް ބަދަލެއް އައިސްފައެއް ނުވެ އެވެ.