ކޮވިޑް-19 އާ ގުޅިގެން އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތާ ހެދި ފަސްކުރި، ލޯކަލް ކައުންސިލް އިންތިހާބު އަންނަ އޭޕްރީލް މަހުގެ ތިން ވަނަ ދުވަހު ބޭއްވުމަށް ތާވަލްކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ނިންމައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރިން ނިންމީ މިދިޔަ އޭޕްރީލް ހަތަރު ވަނަ ދުވަހު ކުރިން ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމަށެވެ. ނަމަވެސް ކޮވިޑާ ގުޅިގެން އިއުލާންކުރި ސިއްހީ ކުއްލި ނުރައްކަލުގެ ޙާލަތާ ގުޅިގެން ވަނީ ފަސްކޮށްފަ އެވެ. އަދި ކައުންސިލް އިންތިޚާބާ ގުޅޭ ވަގުތީ ގާނޫނެއް ފާސްކޮށް ރައީސް ވަނީ ތަސްދީގުކުރައްވައިފަ އެވެ. އެ ގާނޫނުގައިވާ ގޮތުން މެއި މަހުގެ 10 ވަނަ ދުވަހުގެ ކުރިން އިންތިޚާބު ބާއްވާ ނިންމަންޖެހެ އެވެ. އެއާއެކު މާޗް ހަވަނަ ދުވަހު އިންތިހާބު ބާއްވަން އިލެކްޝަންސް އިން ނިންމި އެވެ.

ނަމަވެސް ފެބްރުއަރީ ތިންވަނަ ދުވަހާ ހަމަޔަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކުރުމުން މާޗް 6 ގައި އިންތިހާބު ނުބޭއްވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް "ހުރިހާ" އަށް މިއަދު ވިދާޅުވީ އިންތިހާބު އޭޕްރިލް ތިންވަނަ ދުވަހަށް ތާވަލުކުރީ ރައްޔިތުންގެ މަޖިލީހާއެކު މަޝްވަރާކޮށް، މި ޕެންޑަމިކްގެ ތެރޭގައި އިންތިހާބު ބޭއްވޭ ގޮތަށް ގާނޫނު އިސްލާހުކުރަން ނިންމުމާ ގުޅިގެން ކަމަށެވެ. އެގޮތުން ގާނޫނު ފާސްކުރާތާ މަދުވެގެން 60 ދުވަހުގެ ތެރޭގައި އިންތިހާބު ބޭއްވޭ ގޮތަށް ގާނޫނު އިސްލާހުކޮށް އިންތިހާބުގެ ފުރަތަމަ ބުރު އޭޕްރިލް ތިނެއްގައި ބާއްވަން މިހާރު ތާވަލުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިބަލަނީ އިންތިހާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހޭނެ ކަމަށް. އެއީ މިދިޔަ ބުރުގައި ވެސް 13 ދާއިރާއެއްގެ އިންތިހާބު ބާއްވަން ޖެހުނު،" ޝަރީފް ވިދާޅުވި އެވެ. "މިފަހަރު އެއަށްވުރެ އިތުރުވެދާނެ. ދެ އިންތިހާބެއް މިފަހަރު މި އޮންނަނީ ދެވަނަ ބުރެއް ބާއްވަން ޖެހޭނެ ކަމަށް މިބަލަނީ."

ޝަރީފް ވިދާޅުވީ އިންތިހާބުގެ ދެވަނަ ބުރެއް ބާއްވާ ނަމަ ބާއްވާނީ ގާނޫނު އިސްލާހުކޮށްގެން، އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ ދުވަހެއްގައި ކަމަށެވެ.

"ދެވަނަ ބުރު ބާއްވާނެ ދުވަހެއް މިހާރު ގާނޫނުގައި އޮންނަ ގޮތުން 14 ދުވަހުގެ ތެރޭގައި ކަނޑައަޅަން ޖެހޭ. އެހެންވެ މި ގާނޫނަށް އިސްލާހު ގެންނަނީ ގާނޫނުން ބާރު ލިބިގެން ކޮމިޝަނުން ކަނޑައަޅާ ދުވަހެއްގައި އިންތިހާބުގެ ދެވަނަ ބުރު ބާއްވަން،" އޭނާ ވިދާޅުވި އެވެ.

ކައުންސިލު އިންތިޚާބު ފަސްކޮށްފައިވަނީ ގާނޫނު އަސާސީއަށް އިސްލާހެއް ގެނެސް އެއިރު ތިބި ކައުންސިލަރުންގެ ދައުރު ދިގު ދަންމައި، ސަންސެޓް ގާނޫނެއް ފާސްކޮށްގެންނެވެ.