ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެމްޑީޕީން ވަކިކޮށްފި އެވެ.

ވަޒީރުންގެ އިތުބާރުނެތް ކަމަށް ހުށަހެޅުމުގައި ބައިވެރިވި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ ފަސް މަޖިލިސް މެންބަރަކާ މެދު ފިޔަވަޅު އަޅައިދިނުމަށް ފިޔަވަޅު އަޅާ ކޮމިޓީއަށް ޕާލަމެންޓްރީ ގްރޫޕުން ވަނީ ފޮނުވާފަ އެވެ.

ފިޔަވަޅު އަޅައިދިނުމަށް ފޮނުވާފައި ވަނީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އާއި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް އާއި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް އާއި ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފްގެ އިތުރުން މާފަންނު އުތުރު ދާއިރަގެ މެމްބަރު އިމްތިޔާޒް ފަހުމީގެ މައްޗަށެވެ.

އެ ބޭފުޅުންގެ ތެރެއިން މިހާތަނަށް އެ ޕާޓީން ވަކިކުރިކަން "ހުރިހާ"އަށް ކަށަވަރުވެފައި ވަނީ އާޒިމް އެކަންޏެވެ.

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުން ފެކްޝަންގެ މެމްބަރުން ވަނީ އިދިކޮޅު ފަރާތްތަކާ ގުޅިގެން ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަށް މަޖިލީހަށް ވެސް ވައްދާފައެވެ. އަދި ފޮރިން މިނިސްޓަރުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެސް މިއަދު މަޖިލީހަށް ފޮނުވި ނަމަވެސް އެ މައްސަލަ ވަނީ އަނބުރާ ނަގައިފަ އެވެ.

ބަންޑާރަނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވައްދާފައި ވަނީ 15 މެމްބަރުންގެ ސޮޔާއެކު އެވެ.

ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ލިބިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ބުނެފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކޮށްފައިވާ ޓުވީޓެއްގައި ވަނީ އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާ ކަމަށާއި މި މައްސަލަ ގާނޫނު އަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ކުރިއަށް ގެންދެވޭނެ ކަމަށެވެ.