ޒިރާއީ ބޭނުންތަކަށް ދިރޭ ޖަނަވާރު ޕޯލްޓްރީ ދޫންޏާއި ލައިވްސްޓޮކް އެތެރެކުރުމަށް މިނިސްޓްރީން އިމްޕޯޓް ހުއްދަ ދޭނީ އެފަދަތަކެތި ގެންގުޅެވޭނެ ފާމްއެއް މިނިސްޓްރީގައި ރަޖިސްޓްރީކޮސްފައިވާ ފަރަތްތަކަށް ކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާ އިން ބުނެފި އެވެ.

މިނިސްޓްރީން މިހެން ބުނީ މާލޭ ގެއެއްގައި ގިނިކާމާދޫނި (އޮސްޓްރިޗް) އެއް ގެންގުޅެމުންދާ މައްސަލައެއް ފެންމަތިވުމުންނެވެ.

މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ޕޯލްޓްރީ ދޫނި އެތެރެކުރުމަށް ދޫކުރާ ހުއްދައިގެ ދަށުން ގިނިކާމާދޫނި ފަދަ ބޮޑެތި ދޫނި އެތެރެކޮށް، ޕެޓުގެ ގޮތުގައި ގޭގޭގައާއި މީހުން އުޅެ ތަންތަނުގައި ގެންގުޅޭކަމުގެ ޝަކުވާ ލިބިފައިވާ ކަމަށެވެ.

ޕޯލްޓްރީ ދޫންޏަށް މިނިސްޓްރީން ހުއްދަދެނީ އެފަދަ ދޫނި ގެންގުޅުމަށް މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެތޭ ޕޯލްޓްރީ ފާމްތަކުގައި ގެންގުޅުމަށް ކަމަށް މިނިސްޓްރީން ބުނެއެވެ. އެފަދަ ދޫންޏަށް ހުއްދަ ދެނީ ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެތޭ ފާމުތަކުގައި ގެންގުޅުމަށް ކަމަށާއި އެ މިންގަނޑުތައް ބިނާވެފައި ވަނީ ޖަނަވާރު ގެންގުޅުމުގައި ބައިނަލްއަގުވާމީ ގޮތުން އަމަލުކުރާ ދުޅަހެޔޮކަމުގެ މިންގަނޑުތަކާއި ޙަޔަވީ ރައްކާތެރިކަމުގެ (ބަޔޯ ސެކިއުރިޓީ) މިންގަނޑުތަކުގެ މައްޗަށް ކަމަށް މިނިސްޓްރީން ބުނެ އެވެ.

މިނިސްޓްރީން ބުނީ މިއަދުން ފެށިގެން ޒިރާއީ ބޭނުންތަކަށް ދިރޭ ޖަނަވާރު (ޕޯލްޓްރީ ދޫންޏާއި ލައިވް ސްޓޮކް) އެތެރެކުރުމަށް އެ މިނިސްޓްރީން އިމްޕޯޓު ހުއްދަ ދޫކުރާނީ އެފަދަ ތަކެތި ގެންގުޅެވޭނެ ފާމެއް މި މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ކަމަށެވެ.