ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރަގެ މެމްބަރު އަލީ އާޒިމް އެމްޑީޕީން ވަކިކުރުމާއި ގުޅިގެން، އެ ޕާޓީގެ ދަފްތަރުން އޭނާގެ ނަން އުނިކޮށް، ރައްޔިތުންގެ މަޖިލީހަށް އިލެކްޝަން ކޮމިޝަނުން އަންގައިފި އެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ އެމްޑީޕީގެ ދަފްތަރުން އާޒިމުގެ ނަން އުނިކުރުމަށް އެ ޕާޓީން ހުށަހެޅުމާ ގުޅިގެން އިއްޔެގެ ވަގުތެއްގައި އާޒިމުގެ ނަން އެމްޑީޕީގެ ދަފްތަރުން އުނިކޮށްފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހަށް ވެސް މިހާރު އެކަން އަންގާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.

އާޒިމް އެމްޑީޕީއިން ވަކިކޮށްފައި ވަނީ މިދިޔަ ހޯމަ ދުވަހު އެވެ. އޭނާ ވަކިކުރުމަށް ނިންމީ އެމްޑީޕީގެ އަސާސީ ގަވައިދާއި ޕާޓީގެ ޕާލިމެންޓްރީ ގުރޫޕްގެ ނިންމުންތަކާ ހިލާފަށް ތަކުރާރުކޮށް އާޒިމް އަމަލުކުރައްވާފައި ވާތީ އޭނާގެ މައްސަލަ ބެލުމަށްފަހު ފިޔަވަޅު އަޅާ ކޮމިޓީން އެވެ.

ކޮމެޓީގެ ނިންމާފައި ވަނީ އާޒިމްއަށް ކުރިއަށް އޮތް ފަސް އަހަރު ޕާޓީގެ އެއްވެސް އިންތިހާބެއްގައި ވާދަ ނުކުރެވޭނެ ގޮތަށެވެ.

އާޒިމްއަށް އެޅި ފިޔަވަޅުތަކަކީ:

  • އެއް އަހަރު ދުވަހަށް ޕާޓީން ވަކިކުރުން
  • އެއްވެސް ޕްރައިމަރީއެއްގައި ފަސް އަހަރު ވަންދެން ވާދަނުކުރެވުން
  • އެމްޑީޕީއަށް އަލަށް ވަންނަން ބޭނުން ނަމަ ސައްހަ 100 މެމްބަރުންގެ ފޯމު ހުށަހެޅުން

ވަޒީރުންގެ އިތުބާރުނެތް ކަމަށް ހުށަހެޅުމުގައި ބައިވެރިވި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ ފަސް މަޖިލިސް މެންބަރަކާ މެދު ފިޔަވަޅު އަޅައިދިނުމަށް ފިޔަވަޅު އަޅާ ކޮމިޓީއަށް ޕާލަމެންޓްރީ ގްރޫޕުން ވަނީ ފޮނުވާފަ އެވެ.

ފިޔަވަޅު އަޅައިދިނުމަށް ފޮނުވާފައި ވަނީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އާއި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް އާއި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް އާއި ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއް ލަތީފްގެ އިތުރުން މާފަންނު އުތުރު ދާއިރަގެ މެމްބަރު އިމްތިޔާޒް ފަހުމީގެ މައްޗަށެވެ.