ރާއްޖެ އައި ބަންގްލަދޭޝް މީހެއްގެ އަތުން 3.5 މިލިއަން ރުފިޔާގެ ކެނަބިސް އަތުލައިގެންފި އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން މިރޭ ބުނީ އިއްޔެ ރާއްޖެ އައި 28 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއްގެ ލަގެޖު ފާސްކުރިއިރު ކެނެބިސް އަށް ޝައްކު ކުރެވޭ ހިކި ފަތްތަކެއް ފެނިގެން އެތަކެތި ފުރަތަމަ މަރުހަލާގައި ޓެސްޓު ކުރުމުން ކެނަބިސް އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

ކަސްޓަމްސް އިން ބުނީ އެތަކެތީގެ ބަރުދަން ޕެކިނާއެކު 4.4 ކިލޯ ހުރި ކަމަށެވެ.

ކަސްޓަމްސް އިން ބުނީ އެ ތަކެތީގެ މަގުމަތީ އަގު 3.55 މިލިއަން ރުފިޔާ އަށް އަރާނެ ކަމަށެވެ. އަދި އެ މީހާގެ އަތުން އަތުލައިގަތް މަސްތުވާތަކެތި މިހާރު ފުލުހުންނަށް ހަވާލު ކޮށްފައިވާ ކަމަށްވެސް ކަސްޓަމްސް އިން ބުންޏެވެ.

ފުލުހުން އަންނަނީ ދޭތެރެ ދޭތެރެއިން މަސްތުވާތަކެތި ހޯދުމުގެ އޮޕަރޭޝަންތައް ހިންގަމުންނެވެ.