ޗާގޯސް މައްސަލާގައި ރާއްޖޭގެ ކަނޑުން ބައެއް ސަރުކަރުން ދޫކޮށްލިކަމަށް ބުނާ މައްސަލާގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނެއްކާވެސް ރައްޔިތުންގެ މަޖިލީހަށް ވައްދައިފި އެވެ.

މީގެ ކުރިންވެސް ޝަހިދު އިތުބަރު ނެތް ކަމުގެ މައްސަލަ މިދިޔަ ހޯމަ ދުވަހުވެސް ވަނީ މަޖިލީހަށް ވައްދާފައިވެއެވެ. އެހެން ނަމަވެސް ހަމަ އެދުވަހު ވަނީ އެމައްސަލަ އަނބުރާ ނަގާފައެވެ.

އެނގިފައިވާ ގޮތުގައި އެ މައްސަަލަ އޭރު އަނބުރާ ނެގީ އިތުރަށް ފުރިހަމަ ކުރުމަށެވެ.

ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ އިތުރުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަންގެ މެންބަރުންނާއި ޖުމްހޫރީގެ ޕާޓީ އާއި އެމްއެންޕީގެ ޕީޖީގެ ގުޅިފައިވާ ކޯލިޝަނަކުންނެވެ.

މިނިސްޓަރެއްގެ އިތުބާރުނެތް ކަމަށް މަޖިލީހަށް ހުށަހެޅޭނީ 10 މެމްބަރުންގެ ސޮޔާއި އެކު އެވެ. ޝާހިދުގެ މައްސަލަ މަޖިލީހަށް ހުށަހަޅަން ސޮއި ކުރެއްވީ 13 މެންބަރުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ޕީޕީއެމް/ ޕީއެންސީގެ މެންބަރުންނާއި އެމްއެންޕީގެ މެންބަރުން އަދި ޖުމްހޫރީ ޕާޓީގެ ބައެއް މެމްބަރުންގެ އިތުރުން ރައީސް ނަޝީދުއަށް ތާއިދު ކުރައްވާ ފިކުރެއްގެ ދިރުމުގެ މެމްބަރުންނެވެ.