އެމްޑަބްލިއުއެސްސީން ކޮންޓްރެކްޓް އުސޫލުން އެކުންފުންޏަށް ބޭނުންވާ އެޕްލިކޭޝަނެއް އުފައްދައިދިން ކުންފުންޏަކަށް ދޭންޖެހޭ ފައިސާ ނުދީ ހިފަހައްޓައި ކަޓު ހޯދުމަށް ޑިމާންޑުކުރާ ވާހަކައަކީ ދޮގެއް ކަމަށް އެމްޑަބްލިޔުއެސްސީން ބުނެފި އެވެ.

އެމްޑަބްލިޔުއެސްސީން މިހެން ބުނެފައިވަނީ "ޕާޓިކަލްސް" ނަމަކަށް ކިޔާ ކުންފުނން ކުރި ޓުވީޓަކާއި ގުޅިގެން މިއަދު ނެރުނު ބަޔާނެއްގައި އެވެ.

"ޕާޓިކަލްސް" އިން ކޮށްފައިވާ ޓްވީޓްގައި ބުނެފައިވަނީ އެމްޑަބްލިއުއެސްސީގެ ބޭނުންވާ ޓްރާނސްޕޯޓު މެނޭޖުމެންޓު ސޮފްޓުވެއާއެއް ތައްޔާރުކޮށްދީފައިވާ ކަމަށާއި އެކަމަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ސަލާން ޖަހަން ޖެހިފައިވާ ކަމަށެވެ. އަދި އިތުރަށް އެ ފައިސާ ހޯދުމަށް އެމްޑަބްލިއުއެސްސީގެ އައިޓީ މެނޭޖަރުންނަށް ފައިސާތަކެއް ކަޓުގެ ގޮތުގައި ނުދެވޭނެކަމށްވެސް ޕާޓިކަލްސްއިން ބުންޏެވެ.

"ޕާޓިކަލްސް" އިން ކޮށްފައިވާ ތުހުމަތުތައް ދޮގުކޮށް އެމްޑަބްލިޔުއެސްސީން ނެރުނު ބަޔާނުގައި ބުނެފައިވަނީ މި މައްސަލަ އާ ގުޅިގެން އެ ކުންފުނީގެ މުވައްޒަފުން އަދާކޮށްފައިވާ ދައުރާއި، ކޮންޓްރެކްޓަރާއި އެ ކުންފުންޏާ ދެމެދު ކަން ހިނގާދިޔަ ގޮތް ބަލާފައިވާކަމަށާއި އެގޮތުން އެ ކުންފުނިން "ޕާޓިކަލްސް" އަށް ދޭންޖެހޭ ފައިސާ ނުދީ ހިފެހެއްޓުމަށް އެ ކުންފުނީގެ އެއްވެސް މުވައްޒަފަކު މަސައްކަތް ކޮށްފައި ނުވާކަމަށެވެ.

"މިގޮތުން، މި ކުންފުނިން "ޕާޓިކަލްސް" އަށް ދޭންޖެހޭ ފައިސާ ނުދީ ހިފެހެއްޓުމަށް މި ކުންފުނީގެ އެއްވެސް މުވައްޒަފަކު މަސައްކަތް ކޮށްފައި ނުވާ ކަމާއި އަދި ކުންފުނީގެ އެއްވެސް މުވައްޒަފަކު ނަހަމަ ގޮތުގައި ކޮންޓްރެކްޓަ އަތުން ފައިސާ ހޯދުމަށް އެއްވެސް މުއާމަލާތެއް ހިންގާފައި ނުވާކަން ފާހަގަކުރަމެވެ،" އެމްޑަބްލިއުއެސްސީން ބުންޏެވެ.

އެމްޑަބްލިއުއެސްސީން ބުނިގޮތުގައި އެއްބަސްވުމުގައިވާ ގޮތަށް ޕާޓިކަލްސްގެ ބިލަށް ލިބެން ޖެހޭ ފައިސާ ދެއްކުމަށް އުސޫލުތަކާ އެއްގޮތަށް އަންނަނީ އަމަލު ކުރަމުންނެވެ. ހާއްސަކޮށް އެމްޑަބްލިއުއެސްސީން ބުނީ ޕާޓީކަލްސް އިން ކޮށްދިން މަސައްކަތަށް ލިބެންޖެހޭ ފައިސާ ކަނޑައަޅާފައިވާ މުއްދަތަށް ދިނުން ލަސް ވެސް ނުވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

"މިފަދަ ހަގީގަތާ ހިލާފު ޚަބަރުތައް މީޑިއާގައި ފެތުރުމަކީ އެމްޑަބްލިއުއެސްސީއާ މެދު އާންމުންގެ ތެރޭގައި އިތުބާރު ގެއްލި، ޝައްކާއި ވަހުމް އުފައްދައި އަދި މި ކުންފުނީގެ ނަން ކިލަނބު ވެގެންދާނެ ކަމެކެވެ." އެމްޑަބްލިއުއެސްސީން ބުންޏެވެ.

އެމްޑަބްލިޔުއެސްސީން ބަނީ ހަގީގަތާއި ހިލާފު މިފަދަ ހަބަރުތައް ނުފެތުރުމަށް އިލްތިމާސްކޮށްފަ އެވެ.