ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި އާ ޕާޓީއެއް އުފެެއްދުމުގެ ހުއްދައަށް އެދި އިލެކްޝަންސް ކޮމިޝަންސް (އީސީ) މިއަދު ހުށަހަޅައިފި އެވެ.

ރައީސް ނަޝީދު ފެކްޝަނުން އެ ފޯމު އެ ކޮމިޝަނަށް މިއަދު ހުށަހެޅުއްވީ އެ ފެކްޝަންގައި އިސްކޮށް ހަރަކާތްތެރިވާ، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފެވެ.

އީސީގެ ފަރާތުން ފޯމާ ހަވާލުވީ އެ ކޮމިޝަނުގެ ނައިބު ރައީސް އިސްމާއީލް ހަބީބެވެ.

ދަ ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް އުފައްދަން ހުށަހެޅި އިރު އެ ފެކްޝަނުން ވަނީ އަންނަ ސެޕްޓެމަބަރު މަހު އޮންނަ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރުމަށް ވެސް ނިންމައިފަ އެވެ.

ފިކުރެއް ދިރުމުގެ ފަރާތުން ޕާޓީއެއް ހެދުމަށް އިލެކްޝަންސް ކޮމިޝަންސްއަށް ފޯމް ހުށަހެޅުމަށް ތައްޔާރުވަނީ.

ރައީސް ނަޝީދު އިސްވެ ހުންނަވައިގެން އެހެން ބައެއް ބޭފުޅުން މެދުވެރިކޮށް ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރާއިރު އެމަނިކުފާނު އަދިވެސް ހުންނެވީ ވެރިކަން ކުރާ ޕާޓީ -- އެމްޑީޕީގެ ރައީސްގެ ގޮތުގަ އެވެ.

މި ޕާޓީ އުފެއްދުމަށް ރައްޔިތުންގެ މަޖިލީހުގެ މި ފެކްޝަންގެ 12 މެމްބަރަކު މިދިޔަ ބުރާސްފަތިދުވަހު ވަނީ ޕާޓީން ވަކިވެވަޑައިގެންފަ އެވެ. އަދި އެ ޕާޓީން ގިނަ އަދަދެއްގެ އާއްމު މެމްބަރުން ވެސް ދަނީ ވަކިވަމުންނެވެ.