ރައްޔިތުންގެ މަޖިލީހުގެ މިހިނގާ ދެވަނަ ދައުރަށް ސަރުކާރުގެ ފަރާތުން ހުށަހަޅާ 14 ބިލެއް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހުށަހަޅައިފި އެވެ.

ބަންޑާރަ ނައިބުގެ އޮފީހުން މިއަދު އާންމުކުރި ލިސްޓުގައި އައު ގާނޫނެއް އެކުލަވާލަން ހައްޖާއި އުމްރާގެ ބިލާއި ޒަކާތުގެ ބިލުގެ އިތުރުން، ފޮރިން އިންވެސްޓުމެންޓުގެ ބިލާއި ވަޒީފާ ގެއްލޭ މީހުންގެ އިންޝޫރަންސްގެ ބިލު ހިމެނެ އެވެ.

އޭޖީ އޮފީހުން ބުނީ މުހިންމު ބިލުތަކުގެ ތެރޭގައި ހައްޖާއި އުމްރާ ބިލާއި ޒަކާތު ބިލު ހިމެނޭ ކަމަށެވެ. އެގޮތުން ހައްޖާއި އުމްރާއަށް މީހުން ގެންދިއުމަށް އަމިއްލަ ފަރާތްތަކަމަށް ހުއްދަ ދޭނެ އުސޫލުތަކާއި ހައްޖުވެރިންނަށް ދޭން ލާޒިމު ހިދުމަތްތައް ބިލުގައި ހިމަނާފައިވާނެ ކަމަށް އޭޖީ އޮފީހުން ވަނީ ބުނެފަ އެވެ.

އޭޖީ އޮފީހުން ހައްޖާއި އުމްރާގެ ބިލު އެކުލަވާލައި ރައީސް އޮފީހަށް ފޮނުވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ.

ހައްޖު ކޯޕަރޭޝަންގެ މަސްއޫލިއްޔަތުތަކާއި ހައްޖާ އުމްރާގެ ފަންޑެއް ގާއިމުކުރުމާއި ފަންޑަށް ޖަމާކުރެވޭ ފައިސާ އިންވެސްޓުކުރުމާ ގުޅޭ އުސޫލުތައް ބިލުގައި ވާނެ ކަމަށް ޕީޖީ އިން ވަނީ ބުނެފަ އެވެ.

މަޖިލީހަށް ހުހަޅަފައިވާ ބިލްތަކަކީ:

  1. ހައްޖާއި އުމްރާގެ ބިލު
  2. ފޮރިން އިންވެސްޓްމެންޓްގެ ބިލު
  3. ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  4. މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  5. ގޭންގު ކުށްތައް މަނާކުރުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  6. މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  7. ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  8. ދިވެހިރާއްޖޭގެ ގާނޫނޫލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު
  9. ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  10. ވަޒީފާ ގެއްލޭ ފަރާތްތަކުގެ އިންޝުއަރެންސްގެ ބިލު
  11. ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  12. ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެވެ.
  13. ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  14. ޒަކާތުގެ ބިލު