ހުޅުމާލޭގައި ހުރި ބައެއް ފިތުރޯނު ގަސްތައް ކަނޑަނީ ހަމަ އެތަނުގައި އެގްޒޯޓިކް ޕްލާންޓެއް ހެއްދުމަށް ކަމަށް އާބަންކޯ އިން ބުނެފި އެވެ.

ހުލުމާލެ ތަރައްގީކޮށް ބަލަހައްޓާ އަބަންކޯ އިން ބުނީ ހުޅުމާލެއަކީ ތިމާވެއްޓާ ރައްޓެހި އަދި ފެހި ތަނަކަށް ހެދުމަށް އެކުންފުނިން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން މިހާރު އަންނަނީ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި އިންދާފައިވާ ބައެއް ގަސްތައް ބަދަލުކުރަމުން ކަމަށެވެ. އެގޮތުން ބައެއް ސަރަހައްދުތަކުގައި ހުރި ބޮޑެތި ފިތުރޯނު ގަސްތައް ކަނޑާ އެތަންތަނުގައި އެކްޒޯޓިކް ޕްލާންޓު ހައްދަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އާބަންކޯ އިން ބުނީ ފިތުރޯނު ގަސްތައް ކަނޑާފައި ވާނީ ވެސް ކޮންމެ ދެ ފިތުރޯނު ގަހެއްގެ މެދުގައި ހަމަ އެގޮތަށް ހެދޭނެ އެގްޒޯޓިކް ޕްލާންޓެއް ހެއްދުމަށް ފަހު ކަމަށެވެ. އަދި ފިތުރޯނު ގަސްތައް ކަނޑާއިރު އެ މަސައްކަތް ކުރަނީ އޭގެ ސަބަބުން ތިމާވެއްޓަށް ގެއްލުމެއް ނުލިބޭނެ ގޮތަށް އަދި ހުޅުމާލޭގެ ފެހި ކަމާއި، ހިތްފަސޭހަކަން ނުގެއްލޭނެ ގޮތަކަށް އެކަން ކުރުމަށް ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

ހުޅުމާލޭގައި ހުރި ފިތުރޯނު ގަހެއް

އެ މަސައްކަތުގެ ތެރެއިން މިހާރު ވަނީ ނިރޮޅުމަގުގައި ހުރި ހުރިހާ ފިތުރޯނު ގަސްތަކުގެ ބަދަލުގައި އެހެން ގަސްތައް ޖަހައި ފިތުރޯނު ގަސްތައް މިހާރު ވާނީ ކަނޑާފައި ކަމަށް އާބަންކޯއިން ބުނެ އެވެ. މި މަސައްކަތް ޕްލޭން ކުރެވިފައިވާ ގޮތުން ކުރިއަށް އޮތް 3 އަހަރު ތެރޭގައި މުޅި ހުޅުމާލެއިން ފިތުރޯނު ގަސްތައް ކަނޑައި އެހެން ގަސްތައް އިންދާ ބޮޑުކުރެވޭނެ ކަމަށް ވެސް އެކުންފުނިން ބުނެ އެވެ.

ހުޅުމާލޭގައި އިންދާފައިވާ ފިތުރޯނު ގަހެއް

ފިތުރޯނު ގަސް ފަދަ ބޮޑެތި ގަހަކީ ވަރަށް ޖާގަ ބޮޑު ހުސް ސަރަހައްދުތަކުގައި ހެއްދޭ ކަހަލަ ގަސްތަކެކެވެ. ހުޅުމާލެ ތަރައްގީވަމުން އައިއިރު، މަގުތައް ހެދުމާއި، އިމާރާތްތައް ހެދުމުގެ ސަބަބުން ފިތުރޯނު ގަސްތައް ހެއްދިފައި ހުރީ އާންމުން ދިރިއުޅޭ ސަރަހައްދުތަކުގަ އެވެ.

ހުޅުމާލޭގެ މަގުތަކަކީ ތާރު އަޅައިގެން ހަދާފައިވާ މަގުތަކަށްވާއިރު، ހުޅުމާލޭގައި މިހާރު ފިތުރޯނު ގަސްތައް އިންދާފައިވަ ސަރަހައްދުތަކުން އޭގެ ސަބަބުން ވާ ގެއްލުންތައް އަންނަނީ ފެންނަމުން ކަމަށް އާބަންކޯ އިން ބުނެ އެވެ. އެގޮތުން އެ ސަރަހައްދުތަކުގެ މަގު ހަލާކުވެ ތާރުގަނޑު ކަނޑައިގެން ދިއުމާއި، ޕޭމަންޓުތަކުގެ ގައުތައް ވެސް ނެގި މަގުގެ ބޭނުންކުރުން ދަތިވާކަން ވަނީ ފާހަގަވާ ކަމަށް ވެސް އެކުންފުނިން ބުނެ އެވެ.