ޔޫރަޕްގައި އެންމެ އާންމުކޮށް ގޮވާ އަލިފާންފަރުބަދަ ގޮވައި މުޅި ސަރަހައްދަށް އަޅިތައް ވެހެން ފަށައިފިއެވެ.
އިޓަލީގެ ސިސިލީގެ ދެކުނުގައި ހުންނަ މައުންޓު އެތުނާ ގޮވުމުގެ ސަބަބުން އުފެދުނު އަޅީގެ ވިލާގަނޑުގެ ސަބަބުން އެހިސާބުގެ ވައިގެ ދަތުރުފަތުރަށް ބުރޫ އަރައި ފްލައިޓްތައް ކެންސަލް ކުރަން ޖެހިފައިވެ އެވެ.
ފަރުބަދައިން ނުކުންނަމުންދާ އަލިފާނުގެ ހުޅުގަނޑު ޖައްވަށް ފެތުރިފައިވާ އިރު އިތުރު ގޮވުންތަކުގެ އަޑު ގުގުމަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ. މައުންޓު އެތުނާ ހުންނަ ސިސިލީގެ އެންމެ ބޮޑު ސިޓީ ކަމުގައިވާ ކެޓާނިއާ ސިޓީގެ އެއާޕޯޓު ބަންދު ކުރަން ޖެހުނު ކަމުގައި ވިޔަސް މިހާރު ވަނީ އަލުން ހުޅުވައިފައެވެ. އެހެންނަމަވެސް އަދިވެސް ފުރިހަމަޔަށް އެއާޕޯޓު ހަރަކާތްތެރިވާން އުނދަގުލެވެ. އެހެން ކަމުން ފްލައިޓު ކެންސަލް ވުމާއި ލަސްވުމުގެ މައްސަލަ ވަރަށް ބޮޑެވެ.
އިޓަލީގެ ޖޯގްރަފިކަލް އެންޑް ވޮލްކެނޮލޮޖިކަލް އެޖެންސީން ބުނި ގޮތުގައި ކެޓާނިއާ ސިޓީ އަށް އަޅިފައިބާ އެ ސިޓީގެ ޓައުނެއް އެއްކޮށް އަޅިން ފުރުނެވެ. އެހެން ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާ އެއްވި ކމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.
ތިންހާސް ތިން ސަތޭކަ ފަންސާސް ހަތް މީޓަރު އުސް މައުންޓް ކެތުނާ އަކީ ޔޫރަޕްގައި ހުންނަ އެންމެ އުސް އަލިފާން ފަރުބަދައެވެ. މި ފަރުބަދަ އަހަރަކު އެތައް ފަހަރަކު ގޮވައެވެ. މި ފަހަރުގެ ގޮވުންފަދަ ބޮޑު ގޮވުމެއް އެންމެ ފަހުން ގޮވާފައި ވަނީ 1992 ވަނަ އަހަރު އެވެ. އަލިފާން ފަރުބަދަ ގޮވުމުގެ ހާދިސާ އަކީ މި ދުވަސްކޮޅު އިޓަލީ އަށް ކުރިމަތިވެފައިވާ ތޫފާންތަކުގެ ސިލްސިލާ އަށް އިތުރުވި ކާރިސާ އެކެވެ.