މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި ހދ. ނޮޅިވަރަމް ސްކޫލްގެ އިސްލާމް ޓީޗަރު އަލުން ވަޒީފާއަށް ނުކުތުމުން ސަސްޕެންޑްކޮށްފި އެވެ.

މި މަހު 1 ވަނަ ދުވަހު ފުލުހުން ހައްޔަރުކުރި ނޮޅިވަރަމް ސުކޫލްގެ އިސްލާމް ޓީޗަރު ނާއިޒް އިބްރާހިމް މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރީ ކުޅުދުއްފުށިން އައިތަނުން ނޮޅިވަރަމް ބަނދަރުމަތިންނެވެ.

ފުލުހުން އޭނާ ދޫކޮށްލުމުން އަލުން ވަނީ ވަޒީފާއަށް ނުކުމެފަ އެވެ. އެހެން ނަމަވެސް ބެލިނިވެރިންގެ ޝަކުވާތަކާއެކު އޭނާ އަނެއްކާވެސް އެޑިއުކެޝަން މިނިސްޓްރީން ވަނީ ސަސްޕެންޑް ކޮށްފަ އެވެ.

މިފަހަރު އޭނާ ސަސްޕެންޑް ކުރީ ވަކި މުއްދަތެއް ނެތް ގޮތަށް މިނިސްޓްރީން ވަކި އެއްޗެއް އަންގަންދެންނެވެ.

އޭނާ ފަރުވާކުޑަކަމުގެ ޝަކުވާ މީގެ ކުރިން ބެލެނިވެރިން ވެސް ކޮށްފައިވާ ކަމަށް އެރަށު ކައުންސިލުން ބުނެ އެވެ.

ދަރިވަރުންނަށް ނަގައިދޭން ޖެހޭ ފިލާވަޅުތައް ނަގައި ނުދިނުމާއި ސުކޫލަށް ހާޒިރު ނުވުމުގެ މައްސަލަތައް މީގެ ކުރިން ވެސް ޖެހޭ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

އޭނާގެ މިފަދަ މައްސަލަތަކެއް ޖެހުނު ނަމަވެސް އޭނާއާ މެދު އެއްވެސް ފިޔަވަޅެއް އަޅައިފައެއް ނުވެ އެވެ.