ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަންގައި ހުޅުން ޖަހަން ގޮވާލި މައްސަލައިގެ ޝަރީއަތަށް ނުފިލާ ކަމަށާއި އެނބުރި ރާއްޖެ އަންނާނެ ކަމަށް އައްބާސް އާދިލް ރިޒާ ވިދާޅުވެއްޖެ އެވެ.

އައްބާސް ހޯދަން މިއަދު ފުލުހުން އިއުލާން ކުރުމާ ގުޅިގެން އައްބާސް ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އޭނާ މިވަގުތު ހުރީ ބައްޕަގެ ބޭސްފަރުވާއަކަށް ރާއްޖޭން ބޭރުގައި ކަމަށެވެ.

އައްބާސް ވިދާޅުވީ އޭނާ ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށް ކްރިމިނަލް ކޯޓުން ނިންމީ ޖެނުއަރީ 13 ގައި ކަމަށާއި އެ މުއްދަތު ފެބްރުއަރީ 13 އަށް ހަމަވުމާ ހަމައަށް ފުލުހަށް އެއްބާރުލުން ދިން ކަމަށެވެ.

ކްރިމިނަލް ކޯޓުން އައްބާސް ދޫކޮށްލީ 30 ދުވަހުގެ ތެރޭގައި މިމައްސަލަ ތަހުގީގުކޮށް ނިންމައި، އެ މުއްދަތުގައި ފުލުހަށް އެއްބާރުލުން ދިނުމަށް ޝަރުތުކޮށެވެ.

"ކްރިމިނަލް ކޯޓުން އަޅުގަނޑު ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށް ކަނޑައަޅަ ދޫކުރީ 13 ޖެނުއަރީގަ އެވެ. ޝަރުތަކީ 30 ދުވަހުގެ ތެރޭގައި މިމައްސަލަ ތަހުގީގުކޮށް ނިންމުމައި އެ މުއްދަތުގައި ފުލުހަށް އެއްބާރުލުން ދިނުމެވެ. ފެބްރުއަރީ 13 އަށް އެމުއްދަތު ހަމަވީ އެވެ. ބައްޕަގެ ފުރާނައަށް ނުރައްކާވާ އާލާސްކަންފުޅެއްގައި ރާއްޖޭން ބޭރަށް ފަރުވާ ހޯދުމަށް ދާން ޖެހި، އެހީތެރިއެއްގެ ގޮތުގައި ރާއްޖެއިން ފުރީ ގާނޫނުގެ ތެރެން ފުރީ ކޮން އެއާލައިނެއްގައި ކަމާއި ބައްޕައަށް ފަރުވާ ހޯދަނީ ކޮން ހޮސްޕިޓަލެއްގައި ކަމާއި ހުރި ތަނެއް ސަރުކާރަށް އަންގާފައިވާނެ،" އައްބާސް ވިދާޅުވި އެވެ.

އައްބާސް ވިދާޅުވީ އޭނާ ފިލައިގެން ނޫޅޭނެ ކަމަށާ އަންނަ މަހުގެ 2 ވަނަ ދުވަހު ރާއްޖެ ދެވޭތޯ މަސައްކަތް ކުރާ ކަމަށެވެ.

ކްރިމިނަލް ކޯޓުން މިދިޔަ އަންގާރަ ދުވަހު ބުނީ، އޭނާ އެ ކޯޓަށް ހާޒިރު ނުވުމުން ޝަރީއަތް ފެށޭ ގޮތް ނުވި ކަމަށެވެ.

އައްބާސްގެ މައްޗަށް، ދައުލަތު ކުރަނީ ފަނާކޮށްފާނެ ކަމުގެ ބިރު ދެއްކުމުގެ ދައުވާ އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އޭނާ ކުރި ޓްވީޓަކާއި އޭގެ ފަހުން ކްލަބް ހައުސްގައި ވާހަކަ ދައްކަމުން މާލޭގެ ބައެއް ތަންތަނުގައި ހަމަނުޖެހުން ހިންގައި، ހުޅުޖަހަން ހިތްވަރު ދިންކަމުގެ ދައުވާ ވެސް ކުރެ އެވެ.

އައްބާސްގެ މައްޗަށް ތުހުމަތު ކުރީ އިންޑިއާގެ ހައި ކޮމިޝަންގައި ހުޅުޖެހުމަށް ހިތްވަރު ލިބޭ ގޮތަށް ޓްވީޓް ކުރުމާއި މާލޭގެ ބައެއް ތަންތަނުގައި ހުޅުޖަހަން ހިތްވަރު ދިން ކަމުގެ މައްސަލަ އެވެ.