ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއަކީ ސީދާ ރައީސުލްޖުމްހޫރުއްޔާ އަޑީގައި ހުރެގެން ދިން ހަމަލާއެއް ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑާ) ވިދާޅުވެއްޖެ އެވެ.
ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ހުށަހަޅާފައިވާ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ދިވެހި ދަނޑުވެރިންނަށް ދެމުން އައި ސަބްސިޑީ އިއާދަކުރަން ހުށަހެޅި ގަރާރަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސް ކުރަމުން ރައީސް ނަޝީދު އުފައްދާފައިވާ ދަ ޑިމޮކްރޭޓްސް ގެ މެމްބަރުން ވަނީ ރައީސް ނަޝީދު އަވަހާރަ ކޮށްލަން ދިން ބޮމުގެ ހަމަލާ ދިނީ ސީދާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއަށް އެނގިގެން ކަމަށް ބުނެފަ އެވެ.
އެ ބަހުސްގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރާގެ އެމްޑީޕީ މެންބަރު އިސްމާއީލް އަހުމަދު ވަނީ ދައުލަތުން ރައީސް ނަޝީދުއަށް ކުރާ ހަރަދުތަކުގެ ވާހަކަ ދައްކަވަފަ އެވެ.
އިސްމާއީލް ވިދާޅުވީ މިރާއްޖެއިން އެކަނި އެންމެ މީހަކަށް ގިނަ ހަރަދު ކުރަނީ ރައީސް ނަޝީދުއަށް ކަމަށެވެ. ދައުލަތުގެ ބަޖެޓުން ރައީސް ނަޝީދުއަށް ފަންސާސް މިލިއަނެއްހާ ރުފިޔާ ހަރަދު ކުރަ ކަމަށް މެމްބަރު އިސްމާއީލް ވިދާޅުވި އެވެ.
"މަނިކުފަނުގެ ހަރަދުތަކާ ކާނެ ގޮތާ ބޯނެ ގޮތާ ހުރިހާ ހަރަދެއް ހަމަޖައްސަމުން މިދަނީ މި ދައުލަތުންނޭ ދިވެހި އެންމެ ދަރިއަކަށް އެންމެ އަތޮޅަކަށް ނުކުރާ ހަރަދު މަނިކުފަނަށް އެބަ ކުރޭ. މިއަދު ވެސް އެކަމު ކެތްނުވެގެން ތިއުޅުއްވަނީ ވެރިކަމަށް ފެންބޮވައިގަނެގެން،" މެމްބަރު އިސްމާއީލް ވިދާޅުވި އެވެ.
ދުވާފަރު ދާއިރާގެ މެމްބަރުގެ އެވާހަކަތަކައި ގުޅިގެން މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު ނިޒާމީ ނުކުތާއެއް ނަންގަވާ ވިދާޅުވީ ރައީސް ނަޝީދު އަވަހާރަ ކޮށްލަން ދިން ބޮމުގެ ހަމަލާއަކީ ސީދާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އަޑީގައި ހުރެގެން ދިން ހަމަލާއެއް ކަމަށެވެ.
"މިހާރު އަޅުގަނޑު ގަބޫލުކޮށޮފިން ރައީސުލްޖުމްހޫރިއްޔާ އަޑީގަ ހުރެގެން މަނިކުފާނު އަވަހާރަކޮށްލަން ގޮއްވާލި ބޮމެއްކަން، ހަމަ ގަސްތުގަ، އެމީހުން (ސަރުކާރަށް ތާއިދު ކުރާ މެމްބަރުން) ދައްކާ ވާހަކައިން ޔަގީންވޭ އިބްރާހީމް މުހައްމަދު ސޯލިހު މަނިކުފާނު އަވަހާރަ ކޮށްލަން ބޮން ގޮއްވާލިކަން،" ބޮންޑާ ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ އަޑީގައި ހުރެ ބޮމެއް ގޮއްވާލާފައި ރައީސް ނަޝީދުގެ ބޭސްފަރުވާ އަށް ދައުލަތުން ކުރި ހަރަދު އެއީ ބޮޑު ހަރަދެއް ކަމަށް ނުބުނެވޭނެ ކަމަށް ބޮންޑާ ވިދާޅުވި އެވެ.
ބޮންޑާގެ އެވާހަކަތައް ހުއްޓުވާ ރިޔާސަތުގައި އިންނެވި ރައީސް ނަޝީދު ވަނީ ބޮންގޮއްވާލުމަށް ފަހު ޖަރުމަނުގައި ހިނގި ހަރަދުގެ ވާހަކަ ސާފުކޮށްދެއްވާފަ އެވެ. އަދި ޖަރުމަނުގައި އެމަނިކުފަނުގެ ބޭސްފަރުވާގެ ހަރަދުތައް ކުރީ ޖަރުމަނު ސަރުކާރުން ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑު ޖަރުމަނުވިލާތަށް ގެންދިޔައީ ޖަރުމަނު ސަރުކާރުގެ ހަރަދުގައި އަޅުގަނޑަށް ޖަރުމަނުގައި ބޭސް ކުރީ ޖަރުމަނު ސަރުކާރުގެ ހަރަދުގައި ދެން އަޅުގަނޑު އިނގިރޭސިވިލާތުގައި ހުރި ތިން ހަފްތާ އަށް ސަރުކާރުން ހަރަދެއް ކުރި. އެހެން ނަމަވެސް ދުވާފަރު ދާއިރާގެ މެމްބަރު އެ ވިދާޅުވާ ހަރަދުތަކަކީ އެމްއެންޑީއެފްއަށް ކުރާ ހަރަދުތަކުގެ ވާހަކަ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
މިއަދުގެ ޖަލްސާގައި ރައީސް ނަޝީދުގެ ދަ ޑީމޮކްރެޓްސްގެ މެމްބަރުން ވަނީ ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއަކީ ސީދާ ރައީސް ސޯލިހު އަޑީގައި ހުރެގެން ދިން ހަމަލާއެއް ކަމަށް ތުހުމަތު ކުރައްވާފަ އެވެ.