ގައުމު އިސްލާހު ކުރުމަށް ކުރާ މަސައްކަތުގައި ދެމި ތިބޭނެ ކަމަށާ ޕާޓީ އުވާލިޔަސް ކަޅު ދަބަސް ހިފައިގެން މެމްބަރުން ހޯދަން ނުދާނެ ކަމަށް އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫން ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް މައުމޫންގެ އިސްލާހީ ހަރަކާތަށް އުފެއްދެވި ޕާޓީ 3000 މެމްބަރުން ހަމަނުވާތީ އުވާލަން ނިންމާފައިވާކަން އިލެކްޝަންސް ކޮމިޝަނުން ވަނީ އިއުލާންކޮށްފަ އެވެ.
އެކަމާ ގުޅިގެން އެމްއާރުއެމް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ރައީސް ފާރިސް މައުމޫން ވިދާޅުވީ ވޯޓު ހޯދުމުގެ ނިޔަތުގައި އެކިއެކި ކަންތައްތައް ދައުލަތުން ކޮށްދިނުމާ އެކި ހުށަހެޅުންތައް ހުށަހަޅާ މެމްބަރުންނަށް އެކިކަހަލަ ހަދިޔާ ދޭ ވަރަށް ފާޅުގަ ދެކެވޭ ވާހަކަތަކެއް ކަމަށެވެ.
އަދި ވޯޓު ހޯދުމަށް ހަރަދު ކުރުމާ މެމްބަރުންނަށް މަޝްރުއުތައް ދިނުމުގެ ވާހަކަތަކަކީ އަބަދުވެސް އިވޭ ވާހަކަ ތަކެއް ކަމަށް ފާރިސް ވިދާޅުވި އެވެ. އެހެން ނަމަވެސް މިރާއްޖެ އަބަދު އެހާލަތުގައި އޮންނަން ގަބޫލު ނުކުރައްވާ ކަމަށް ފާރިސް ވިދާޅުވި އެވެ. ބޭނުންވަނީ ޒިންމާދާރު ވެރިން ކަމަށާ ދައުލަތުގެ ފައިސާ ހަރަދު ކުރާއިރު އެކަންކަން ބަލާނެ މީހުން ކަމަށް ފާރިސް ވިދާޅުވި އެވެ.
"ދެން އެންމެންނަށް ގަބޫލު ކުރަންވީ މިހެނޭ ރާއްޖެ އޮންނަން ޖެހެނީ މިހާލަތުން އިސްލާހުކޮށްފައި އޮތް ބައިވަރު ގައުމު އެބައޮތް ބޭނުންވަނީ އިހުލާސްތެރި ޒިންމާދާރު މީހުން ބޭނުންވަނީ ދައުލަތުގެ ފައިސާ ހަރަދު ކުރާއިރު އެކަން ބަލާނެ މީހުން ވަކިބައެއްގެ މަސްލަހަތު ދަމަހައްޓަން ދައުލަތުގެ ކަންކަން ނިމިގެން ނުވާނެ" ފާރިސް ވިދާޅުވި އެވެ.
ފާރިސް ވިދާޅުވީ މެމްބަރުން ހޯދަން ހަރަދުކޮށްގެން ޕާޓީތަކުންވެސް ނުވާނެ ކަމަށެވެ.
ފާރިސް ވިދާޅުވީ ކަޅުދަބަހުގައި ފައިސާ ހިފައިގެން ނިކުމެ މެމްބަރުން ހޯދަން އުނދަގޫ ނުވާނެ ކަމަށެވެ. އެހެން ނަމަވެސް އެމްއާރުއެމް ވުޖޫދުވީ އިސްލާހީ މަސައްކަތަށް ކަމަށާ އެފަދަ ކަންކަން ނައްތާލަން ކަމަށް ފާރިސް ވިދާޅަުވި އެވެ.
"އަޅުގަނޑުމެންނަށްވެސް އުނދަގުލެއް ނުވާނެ އިނގޭތޯ ކަޅު ދަބަސް ހިފައިގެން ނިކުންނާކަށް ނިކުމެ ދިމާވާ ކޮންމެ މީހަކަށް އެއްޗެއް ދީގެނެއް ފޯމު ފުރާކަށް އުނދަގުލެއް ނުވާނެ، އަޅުގަނޑުމެން އެކަން އެގޮތަށް ކުރަން ބޭނުން ނުވަނީ އަޅުގަނޑުމެން ނެތި ދިޔަސް ދާނީ އަޅުގަނޑުމެންގެ ގޮތުގަ ތިބެގެން މިމަސައްކަތުގަ ތާއިދާ ހިއްވަރު އެބަ ލިބޭ ރައްޔިތުންގެ ފަރާތުން" ފާރިސް ވިދާޅުވި އެވެ.
ގާނޫނުގައިވާ އަދަދަށް މެމްބަރުން ހަމަކުރަން އެމްއާރުއެމްއަށް މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި ދިން ދެވަނަ ނޯޓިސްގެ މުއްދަތު ހަމަވީ މިދިޔަ ބުދަ ދުވަހަށެވެ. ފުރަތަމަ ނޯޓިސްދިނީ 2022 ގަ އެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ އަދަދަށް މެމްބަރުން ހަމަނުވެގެން ތިން މަސް ދިން ޕާޓީތަކުގެ ތެރޭގައި އޭރު އެމްއާރުއެމް ހިމެނުނަސް މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި މެމްބަރުން ހަމަކުރި އެވެ. އެހެންވެ ޕާޓީ އުވުމުގެ ބިރު ފިލީ އެވެ.
އީސީން ބުނި ގޮތުގައި އެމްއާރުއެމަށް ދެ ވަނަ ފަހަރަށް ނޯޓިސް ފޮނުވީ ފެބުރުއަރީ 22 ގަ އެވެ. އަދަދު ހަމަކުރަން ދިން މުއްދަތުގައި އެކަން ނުވެއްޖެ ނަމަ އޮންނާނީ ޕާޓީ އުވާލުން ކަމަށް އީސީން ބުނެފައިވެ އެވެ.