ނ. މަނަދޫ، ނައީމާ މޫސާ މަރާލަން ބޭނުންކުރި ދެ ވަޅި ފުލުހުން ހޯދައިފި އެވެ.
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނައީމާ މަރާލަން ބޭނުންކުރި ކަމަށް ބެލެވޭ ދެ ހަތިޔާރާއި ހަމަލާދިން ވަގުތު އެކަމުގައި ބައިވެރިވި މީހުން ލައިގެން ތިބި އަންނައުނު، ވަޅުގަނޑެއް ކޮނެ އަޅައި އަންދާލުމަށްފަހު ފަސްއަޅައި ފޮރުވާފައިވާތަން ކޮނެ އެތަކެތި ނަގާފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ ދެ މީހަކު ހައްޔަރުކޮށްފަ އެވެ. އެނގިފައިވާގޮތުގައި އެ ދެ މީހުންނަކީ ވެސް މަސްތުވާތަކެތީގެ މައްސަލަތަކުގެ ކުށުގެ ރެކޯޑް އޮންނަ މީހުންނެވެ. އަދި އޭގެތެރެއިން އެކަކު ވަނީ ތަހުގީގުގައި ކުށަށް އިއުތިރާފުވެ އެކަމާ ގުޅޭ ބައެއް މައުލޫމާތު ފުލުހުންނަށް ކިޔައިދީފަ އެވެ.
ފުލުހުން އެތަކެތި ހޯދީ އެމީހާ ދިން މައުލޫމާތުގެ އަލީގައި، އެތަން ބަލައި ފާސްކުރުމުންނެވެ.
ނައީމާގެ މަރަށް މިހާރު ވަނީ މަހެއް ވެފަ އެވެ. އޭނާ މަރާލި ސަބަބު ހޯދުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަރުގެ މައްސަލަ ތަހުގީގުކުރުމުގެ ތަޖުރިބާކާރު އިންޕެކްޓަރު މުހައްމަދު ސާމިހު އިސްކޮށް ހުރެ މާލެއިން ދިޔަ ޓީމާއި ނ. އަތޮޅުގެ ފުލުހުން މި މަރުގެ ހަގީގަތް ހޯދައި އިންސާފު ގާއިމްކުރަން ކުރަމުންދާ މަސައްކަތް ފަޚްރުވެރިކަމާއެކު ފާހަގަކުރާ ކަމަށެވެ.
މަރުހަބާ ފުލުހުން!