ހަތް އަހަރަށް ފަހު ބޮލވުޑްގެ މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރު ޑައިރެކްޓު ކުރާ ފުރަތަމަ ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ޖުލައި 28 ގައި ސިނަމާތަކުގައި ރިލީޒްކުރަން ނިންމައިފި އެވެ.

އާލިއާ ބަޓް އާއި ރަންވީރު ސިންހު ލީޑް ރޯލުން ފެނިގެންދާ މިފިލްމުގެ ޕޯސްޓަރުތަކާއި ފިލްމު ރިލީޒް ކުރާ ތާރީހު އިއުލާނު ކުރީ ކަރަން ބޮލީވުޑްގައި މަސައްކަތްކުރާތާ 25 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުންނެވެ.

އާލިއާ އާއި ރަންވީރުގެ އިތުރުން މިފިލުމުގައި ދަރުމެންދުރަ އާއި ޖާޔާ ބައްޗަން އަދި ސަބާނާ އަޒްމީ ފަދަ މަޝްހޫރު ތަރިން ފެނިގެންދާނެ އެވެ.

ބޮޑު ކާސްޓެއް ފެންނާނެ ފިލްމުގެ ހާއްސަ ފެނިލުންތަކުން އިންޑިއާގެ މަޝްހޫރު ޓީވީ ތަރިންތަކެއް ވެސް ފެންނާނެ އެވެ.

ކަރަން ބުނި ގޮތުގައި އޭނަގެ އާ ފިލްމަކީ އަލަތު ޑައިރެކްޝަން ކަމަށްވާ 1998 ގެ "ކުޗް ކުޗް ހޯތާ ހޭ" އިން ގެނެސްދިން އުފާވެރިކަމާއި ހަނދާންތައް އާކޮށްދޭނެ ވަރަށް ލޯބި ފިލްމަކަށް ވާނެ އެވެ

ރަންވީރާއި އާލިއާގެ ޖޯޑު ބޮޑު ސްކްރީނުން ފެންނާނެ ދެވަނަ ފިލްމެވެ. އެ ދެ ތަރިން އެކީގައި ކުޅުނު ފުރަތަމަ ފިލްމަކީ 2019 ގެ "ގަލީ ބޯއި" އެވެ.

ކަރަން ޑައިރެކްޓުކުރާ މި ފިލްމު ޕްރޮޑިއުސްކުރަނީ އޭނާ އާއި އޭނާގެ މަންމަ ހީރު ޖޯހަރު އަދި އަޕޫރްވާ މެހެތާ އެވެ. ފިލްމުގެ ސްކްރީންޕްލޭ ލިޔުނީ އިޝިތާ މޮއިތުރާ އާއި ޝަޝަންކް ކައިތަން އަދި ސުމިތު ރޯއީ އެވެ.

ކަރަންގެ ޑައިރެކްޝަނެއް އެންމެ ފަހުން ފެނުނީ 2016 ވަނަ އަހަރު އެވެ. އެއީ އަނުޝްކާ ޝަރުމާ އާއި ރަންބީރު ކަޕޫރުގެ 'އޭ ދިލް ހޭ މުޝްކިލް' އެވެ.