އެންމެ ހަރުދަނާކޮށް ކައުންސިލްތައް ހިންގުމަށްޓަކައި، ކައުންސިލްތަކަކީ މިހާރަށް ވުރެ ފުދުންތެރި ކައުންސިލްތަކަކަށް ހެދުމަށް ސަރުކާރުން ކައުންސިލްތަކަށް ދޭ ގްރާންޓް ދިނުމުގައި މިހާރު އޮތް އުސޫލަށް ބަދަލުގެންނަށްޖެހިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިފަދައިން ވިދާޅުވީ ފ. ދަރަނބޫދޫގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރައްވާ ކޮމިޓީއާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުންނެވެ.

މިއަދު މެންދުރުފަހު ދަރނބޫދޫ ކައުންސިލް އިދާރާގައި ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު އިތުރަށް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ ރަށްރަށުގެ ތަރައްޤީއާ ގުޅުންހުރިކަންކަން ކައުންސިލްތަކާއި މަޝްވަރާ ކުރައްވައި ރައްޔިތުންގެ ބައިވެރިވުން ހިމެނޭ ގޮތަށް ކުރިޔަށް ގެންދިޔުމަށް ކަމުގައެވެ.

މިބައްދަލު ކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، ކައުންސިލްތަކަށް ގްރާންޓް ދިނުމުގައި އޮތް އުސޫލުގެ ސަބަބުން ދިމާވެފައިވާ މައްސަލަތަކާއި، ދަރަނބޫދޫ ސްކޫލުގައި މަލްޓިޕާޕަސް ހޯލެއްގެ މުހިއްމު ކަމާއި، ސިއްހީ މަރުކަޒުގައި ނަރުހުން މަސައްކަތްކުރުމަށް އެކަށީގެންވާ ޖާގަ ބޭނުންވުން ހިމެނެ އެވެ.

މިބައްދަލުވުމުގައި، ދަރަނބޫދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީން ވަނީ، އެކޮމިޓީން މިދައުރުގެ ތެރޭގައި ހިންގާފައިވާ އެކި އެކި ހަރަކާތްތަކުގެ މައުލޫމާތު ރައީސްއާ ހިއްސާކުރައްވާފަ އެވެ. އަދި އ.ތ.މ ކޮމިޓީގެ ހަރަކާތްތައް ކުރިޔަށް ގެންދިޔުމަށް އޮތް ބަޖެޓުގެ ދަތިކަންވެސް ކޮމިޓީގެ ފަރާތުން ވަނީ ފާހަގަކުރައްވާފަ އެވެ.

ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މިއަހަރު ބްލޮކް ގްރާންޓުގެ ގޮތުގައި ކައުންސިލްތަކަށް 1.5 ބިލިއަން ރުފިޔާ ދޫކުރާނެ އެވެ. އެއީ މިދިޔަ އަހަރު ދޫކުރި 1.2 ބިލިއަން ރުފިޔާއަށް ވުރެ 19.8 ޕަސަންޓް އިތުރު އަދަދެކެވެ.