ފުވައްމުލަކުގައި ދެ ސައިކަލެއް ޖެހި ރޭ ހިނގި އެކްސިޑެންޓެއްގައި ދެ ޒުވާނަކަށް އަނިޔާވެގެން ފަރުވާ ދޭން ފަށައިފި އެވެ.

ފުލުހުން ބުނެފައި ވަނީ ފުވައްމުލަކްގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ ރޭ 11:25 ހާއިރު ކަމަށެވެ.

މި އެކްސިޑެންޓްގައި 18 އަހަރުގެ މީހަކާއި 19 އަހަރުގެ މީހަކަށް އަނިޔާވެފައިވާއިރު ދެ މީހުންނަށް ވެސް ފުރަތަމަ ފަރުވާ ދިނީ ފުވައްމުލަކު ހޮސްޕިޓަލުގަ އެވެ. އަދި އިތުރު ފަރުވާއަށް މިއަދު ހެނދުނު ވަނީ އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މާލެ ގެނެސްފަ އެވެ.

ފުވައްމުލަކު ހޮސްޕިޓަލުގެ އިސް އޮފިޝަލަކު "ހުރިހާ"އަށް މިއަދު ވިދާޅުވީ ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި ދެ މީހުންނަކީ ވެސް ސައިކަލް ދުއްވުމުގެ ލައިސަންސް އޮންނަ މީހުން ކަމަށެވެ. މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.