ފ. މަގޫދޫއަށް މި ސަރުކާރުން ވަރަށް ބޮޑު ތަރައްގީއެއް ގެނެސްދީފައިވާ ކަމަށް އެރަށު ކައުންސިލުން ވިދާޅުވެއްޖެ އެވެ.

ކައުންސިލްގެ މެންބަރުން މިފަދައިން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު މިއަދު މަގޫދޫ ކައުންސިލް އިދާރާގައި ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަވަމުންނެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުން ގެންދަނީ ރަށްރަށުގެ ތަރައްގީއާ ގުޅުންހުރި ކަންކަމުގައި ކައުންސިލްތަކާއި މަޝްވަރާ ކޮށްގެން ރައްޔިތުންގެ ބައިވެރިވުން އޮންނަ ގޮތަށް ކުރިޔަށް ދިޔުމަށް ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި ރަށު ކައުންސިލުން ވަނީ މަގޫދޫއަށް މި ސަރުކާރުން ތަރައްގީއާ ގުޅުންހުރި އެތައް ކަމެއް ކޮށްދީފައިވާކަން ފާހަގަކުރައްވައި، ރައީސަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި މަޝްރޫއުތައް ކުރިޔަށް ގެންދިޔުމުގައި ސަރުކާރުންނާއި ދާއިރާގެ މަޖިލިސް މެމްބަރުގެ ފަރާތުން ވަރަށް ފުރިހަމަ އެއްބާރުލުމެއް ލިބޭކަން ފާހަގަކުރެއްވި އެވެ.

މި ބައްދަލުކުރެއްވުމުގައި، ކައުންސިލްތަކަށް ލިބޭ މާލީ ތަނަވަސްކަން އިތުރުކުރުމާ ގުޅޭގޮތުން ކައުންސިލުން މަޝްވަރާކުރެއްވި އެވެ. މީގެ އިތުރުން ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަމާ ގުޅޭގޮތުންނާއި، މަގޫދޫ ސިއްހީ މަރުކަޒުގައި 24 ގަޑިއިރު ހިދުމަތް ދިނުމަށް މިހާރު ހުރި ދަތިތައް ހައްލުކުރުމާއި، ރަށްގިރުމުގެ މައްސަލައާއި، މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުން ހިމެނެ އެވެ.

ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ސްކޫލާއި، ސިއްހީ މަރުކަޒަށް ދިމާވެފައި ހުރި މައްސަލަތައް ހައްލުކުރުމަށް ހާއްސަ ގޮތެއްގައި ސަރުކާރުން މަސައްކަތް ކުރާނެ ކަމަށެވެ. އަދި މަގޫދޫގެ މަގުތައް ހެދުމުގެ މަސައްކަތް، ކުރިޔަށް އޮތްތަނުގައި އިސްކަންދޭ ރަށްރަށުގެ ލިސްޓުގައި ސަރުކާރުން މިހާރު ހިމަނާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ކައުންސިލުން ފާހަގަކުރެއްވި ކަންކަމާއި ގުޅޭ ގޮތުން ރައީސް ވިދާޅުވީ، ރަށުގެ ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަން ސަރުކާރުގެ ކަމާއި ގުޅުން ހުރި މުއައްސަސާތަކާއި ގުޅިގެން ކުރިޔަށް ގެންދެވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ.

ރައީސް މަގޫދޫ ކައުންސިލާއި، އތމ ކޮމިޓީއާއެކު ބޭއްވި މިބައްދަލުކުރެއްވުމަށްފަހު، ވަނީ މަގޫދޫ އެއާޕޯޓު ތަރައްގީކުރާ ސަރަހައްދަށް ޒިޔާރަތްކުރައްވައި، އެ މަޝްރޫއުގެ މަސައްކަތްތައް ހިނގަމުންދާ ގޮތް ބައްލަވާލައްވާފަ އެވެ.

މަގޫދޫ އެއާޕޯޓުގެ ބިން ހިއްކުމުގެ މަސައްކަތުގެ 40 އިންސައްތަ ނިމިފައިވާއިރު، އެ އެއާޕޯޓްގެ ރަންވޭ 1،800 މީޓަރުގެ ރަންވޭއަކަށް ބަދަލުކުރެއްވުމަށް ވެސް ސަރުކާރުން ވަނީ ނިންމަވާފަ އެވެ.