ބިހަކީ އަހަރުމެންގެ ކެއްކުމުގައާއި ކެއުމުގައި ވަރަށް ގިނައިން ބޭނުންކުރާ ބާވަތެކެވެ. މި ބޭނުންތަކުގެ އިތުރުން ބިމަކީ ގަސް ހެއްދުމުގައި ވެސް ގިނަ ބޭނުން ތަކެއް ކުރެވޭ ފައިދާހުރި އެއްޗެކެވެ.

ގަސް އިންދުމަށް ތައްޔާރުކުރާ ގަސްމުށި ނުވަތަ ބިމުގައި ގަސްއިންދަން ބޭނުންވާތަނުގެ އަޑީގައި ބިހެއް ވަޅުލާށެވެ. ތިން ހަފްތާތެރޭގައި، ބިސް ހަލާކުވެ، ވެއްޔާއި އެކުވެގެން ގަސްކާނާއަށް ވާނެ އެވެ. އޭގެ ފަހުގައި ބޭނުން ގަހެއް އިންދާށެވެ. ބިހުން ލިބޭ ފައިދާއަކީ މާގަސް އަދި މޭވާ ނުވަތަ ތަރުކާރީއަށް ވެސް ނުހަނު ބޭނުންތެރި އެއްޗެކެވެ. މިގޮތަށް ބިސް ބޭނުންކުރުމަށް ފަހު، ކެމިކަލް އެކުލެވޭ އަދި އަގުބޮޑު ގަސްކާނާ ބޭނުން ކުރާކަށް ނުޖެހޭނެ އެވެ. ރޯބިހުގެ އިތުރުން ބިހުތޮއްޓަކީވެސް އެހާމެ ރަގަޅު ގަސްކާނާއެކެވެ.

ADV BY TMA ގަހެއް ހެދި ބޮޑުވުމަށް ބޭނުންވަނީ މައިގަނޑު ހަ މައްދާއެކެވެ. ކާބަން (ވައިން ލިބިދޭ)، ހައިޑްރޮޖަން (ފެނުންލިބިދޭ)، އޮކްސިޖަން (ފެނުން އަދި ވައިން ލިބިދޭ)، ނައިޓްރޮޖަން، ފޮސްފޮރަސް އަދި ޕޮޓޭސިއަމްއެވެ. މީގެ އިތުރުން ކެލްސިއަމް، މެގްނީޒިއަމް އަދި ސަލްފަރއަކީ ސިއްހަތު ރަނގަޅު ގަހަކަށް މުހިއްމު ބައިތަކެވެ.

ބިހުތޮށީގައި ނައިޓްރޮޖަން، ކެލްސިއަމް އަދި ފޮސްފޮރަސް ހިމެނެއެވެ. ނައިޓްރޮޖަންއަކީ ގަހުގެ ޓީޝޫތަކަށް ބޭނުންވާ ޕްރޮޓީންގެ އުފެއްދުމަށް އެހީތެރިވާ މާއްދާ އެވެ. ނައިޓްރޮޖަން މާ ގިނަވެއްޖެނަމަ ގަސް ކިތަންމެ ރީތިކޮށް ހެދިފައި ހުއްޓަސް މަލާއި މޭވާއެއް ނާޅާނެ އެވެ.

ފޮސްފޮރަސްއަކީ މޫތައް ވަރުގަދަކޮށް މާ އަޅުވަން އެހީތެރިވެދޭ މާއްދާ އެވެ. ގަހުގެ އެއްބައިން އަނެއްބަޔަށް ހަކަތަ ފޮނުވަނީވެސް މި މާއްދާއިންނެވެ.

ކެލްސިއަމް އަކީ ގަސްއިންދާފައިވާ ވެލިގަނޑުގައި ހުންނަ ކެމިކަލް "ބެލެންސް" ކުރުމުގައި އެހީތެރިވާ މާއްދާއެވެ. ކެލްސިއަމްގެ ސަބަބުން ވެލީގައި ހިމެނޭ ލޮނުގެ މިންވަރު ދަށްކޮށް، ފަސޭހައިން ގަހަށް ފެންލިބޭނެ މަގުފަހިކޮށްދީ، ކާބޯހައިޑްރޭޓް ނައްތާލައެވެ.

ރޯބިހުގެ އިތުރުން ބިހުގެ ތޮށި ބޭނުންކުރެވޭނެ އެއްގޮތަކީ، ތޮށިތައް ރީތިކޮށް ދޮވެލާފައި ހިއްކުމަށްފަހު މުގުރައިގެން ގަހުގެ ބުޑަށް އެޅުމެވެ. ގަހެއްގެ ބުޑަށް ފަސް ބިހުގެ ތޮއްޓަށްވުރެ ގިނައިން ނާޅާށެވެ.

ބިހުގެ ތޮށި ބޭނުން ކުރެވޭނެ އަނެއްގޮތަކީ، ބިހު ތޮށިތައް ފެނު ކައްކައިގެންނެވެ. ދިހަ ބިހުގެ ތޮށި ރީތިކޮށް ދޮވެލުމަށްފަހު ތިން ލިޓަރު ފެނުގެ ތެރެއަށް އަޅައިގެން ކައްކާށެވެ. ތަންކޮޅެއް އޮލަ ކުރަން ބޭނުންނަމަ 20 ބިހުގެ ތޮށި އަޅާށެވެ.

ކައްކާނިމުމުން، އެއްރޭ ވަންދެން ހަމަ އެ ފެންގަނޑުގައި ބަހައްޓާށެވެ. އަނެއްދުވަހު ފެންގަނޑު ފުރާނާލުމަށްފަހު ގަސްތަކަށް އަޅާށެވެ. ނުވަތަ ސްޕްރޭ ކުރާށެވެ. މި ފެނުގައި ކެލްސިއަމް އަދި ޕޮޓޭސިއަމް ގިނަ އަދަދަކަށް ހިމެނޭނެ އެވެ. މިގޮތަށް ތައްޔާރުކުރެވިފައިވާ ފެން، ހަފްތާއަކު އެއް ފަހަރު ބޭނުން ކުރެވޭ ނަމަވެސް ގަސްތައް ހުންނާނީ ވަރަށް ރީތިކޮށެވެ.

މި ގޮތުގެ މަތިން ބިހަކީ ގަސް ހައްދާ ފަރާތްތަކުގެ ވަރަށް ގާތް އެކުވެރިއަކަށް ވާނެ އެވެ.