ނޭޝަނަލް ސެންޓަ ފޮ އިންފޮރމޭޝަން ޓެކްނޮލޮޖީ އިން ޑިޖިޓަލް އައިޑެންޓިޓީ ނިޒާމް ގާއިމްކުރުމާ ގުޅިގެން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެތެރޭގެ އުދުހުންތަކުގައި ފުރަން އަންނަ ދަތުރުވެރިން ޗެކްއިން ވުމަށް ޑިޖިޓަލް އައިޓެންޓިޓީ ކާޑު ބަލައިގަންނަން ފަށައިފި އެވެ.

މިކަމާ ގުޅިގެން މިނިސްޓްރީ އޮފް ޑިފެންސް އިން ނެރުއްވާފައިވާ ސާކިއުލާގައިވާ ފަދައިން، އެތެރޭގެ އުދުހުންތަކުގައި ވެސް ފުރަން އަންނަ ފަސިންޖަރުން ޗެކިން ވުމަށް ޑައިރެކްޓަރޭޓް އޮފް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (ދާސާ) އިން ބަލައިގަންނަ ލިޔެކިޔުންތައް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޗެކިން ކައުންޓަރުތަކުން ވެސް ބަލައިގަންނާނެ އެވެ.

އެގޮތުން، އެއާލައިން ޓިކެޓް ގަތުމަށާއި، އެއާލައިން ޗެކިން ކުރުމަށާއި، އަދި ސެކިއުރިޓީ ޗެކް ޕޮއިންޓްތަކުން، ކާކުކަން ދެނެގަތުމަށްޓަކައި ޑިޖިޓަލް އައިޑެންޓިޓީގެ އިތުރުން ތިރީގައި ބަޔާންކުރެވިފައިވާ މުއްދަތު ހަމަނުވާ ލިޔެކިޔުންތައް ބަލައިގަންނާނެ އެވެ.

  • ޕާސްޕޯޓް
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު / ޑިޖިޓަލް އައިޑެންޓިޓީ ކާޑު
  • ވޯކް ވިސާ ކާޑު / ޑިޖިޓަލް ވޯކް ވިސާ ކާޑު
  • ލައިސަންސް ކާޑު / ޑިޖިޓަލް ލައިސަންސް ކާޑު
  • އެއަރޕޯޓް ސެކިއުރިޓީ ފާސް
  • ސަރުކާރުގެ އިދާރާއަކުން ދޫކޮށްފައިވާ ފޮޓޯ އަދި އައިޑީ ކާޑު ނަންބަރު ޖެހި ރަސްމީ ލިޔުމެއް

ޑިޖިޓަލް އައިޑެންޓިޓީ ކާޑް ބޭނުންކުރަން ފެށުމަކީ ޑިޖިޓަލައިޒްޑް ނިޒާމެއްގެ ދަށުން ރައްޔިތުންނަށް ޙިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތަށް ލިބިގެންދިޔަ އިތުރުކުރިއެރުމެކެވެ. ސަރުކާރުން ގާއިމްކުރާ މިފަދަ ނިޒާމްތަކުގެ އިތުރުން ދަތުރުވެރިންނަށް ފަސޭހަކާމާ އެކު ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީއިން ދަނީ ތަރައްގީގެ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.