ވޮޝިންޓަން (7 ޖެނުއަރީ) - ރިޔާސީ އިންތިހާބުގައި އެމެރިކާގެ ސްޓޭޓްތަކުގެ ކެނޑިޑޭޓުންނަށް ދީފައިވާ އިލެކްޓޯރަލް ކޮލެޖް ވޯޓް ގުނައި ނިންމައި، އިންތިހާބު ކާމިޔާބު ކުރެއްވި ކެންޑިޑޭޓެއް އިއުލާންކުރުމުގެ ޖަލްސާ ކުރިއަށް ދަނިކޮށް ޓްރަމްޕްގެ ސަޕޯޓަރުން ކޮންގްރެސް އިމާރާތަށް ވަދެގަނެ ހިންގި ހަމަނުޖެހުންތަކަށްފަހު، އެމެރިކާ އަދިވެސް އޮތީ ކުއްލި ޝޮކެއްގެ ތެރޭގަ އެވެ.

ކޮންްގްރެސް އަށް ވަދެގަތް މީހުން އެތަނުން ބޭރުކޮށް އަލުން ޖަލްސާ ކުރިއަށް ގެންދިޔުމަށްފަހު، ކޮންގްރެސްއިން ވަނީ ޖޯ ބައިޑެން އަށް އެކި ސްޓޭޓްތަކުން 306 އިލެކްޓޯރަލް ކޮލެޖް ވޯޓް ލިބުނުކަން ރަސްމީކޮށް ކަނޑައަޅައި އަދި ޖެނުއަރީ 20 ވަނަ ދުވަހު ވެރިކަން ބަދަލުވާނެކަން އިއުލާން ކޮށްފަ އެވެ.

ޖޯ ބައިޑެންގެ ޑިމޮކްރެޓިކް ޕާޓީއަށް ވަނީ ކޮންގްރެސްގެ ދެ ގެ ކަމަށްވާ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް އަދި ސެނެޓްގެ މެޖޯރިޓީ ވެސް ލިބިފަ އެވެ. މިއީ 2009 ވަނަ އަހަރަށްފަހު ޑިމޮކްރެޓިކް ޕާޓީއަށް ފުލް ކޮންޓްރޯލް ލިބުނު ފުރަތަމަ ފަހަރެވެ. އެއާއެކު ޓްރަމްޕް ވަނީ މިކަން ގަބޫލުކޮށް ވެރިކަން ބަަދަލުވުމުގެ ކަންކަން އޮމާންކަމާއެކު ކުރިއަށްދާނެ ކަން އިއުލާން ކޮށްފަ އެވެ. ނަމަވެސް އާދައިގެ މަތިން އަދިވެސް އިންތިހާބްގެ ނަތީއްޖާ ގަބޫލު ނުކުރާކަމަށް ވަނީ ވިދާޅުވެފަ އެވެ.

ޓްރަމްޕްގެ ސަޕޯޓަރުން ކޮންގްރެސް ތެރެއަށް ގަދަކަމުން ވަދެގަނެ ހިންގި ހަމަނުޖެހުން ތަކުގައި ހަތަރު މީހަކު މަރުވެފައިވެ އެވެ. ގިނަ ފަރާތްތަކުން ދަނީ މިކަމުގެ ޒިންމާ ޓްރަމްޕް ނަންގަވަންޖެހޭނެ ކަން ވިދާޅުވެ ޓްރަމްޕް ހަމަނުޖެހުން ހިންގި ފަރާތްތަކަށް ހިތްވަރު ލިބޭނެހެން ވާހަކަ ދައްކަވާފައިވާތީވެ އެކަން ކުށްވެރިކޮށްފަ އެވެ. އަދި އޭނާ މަގާމުން ދުރުކުރުމަށް ވެސް އެކި ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ. މީގެ ކުރިން ވެސް ޓްރަމްޕް ވަނީ ތަކުރާރުކޮށް އެކިއެކި އެއްވުންތަކުގައި އިންތިހާބުގެ ނަތީއްޖާ ގަބޫލުނުކުރާނެކަން ވިދާޅުވެފަ އެވެ.

ކެޕިޓަލް ބިލްޑިންގް ބޭރުގައި ފުލުހުން ފޯރި މަރަނީ

ކޮންގްރެސް އިމާރާތަށް ވަދެ ހިންގި ހަމަ ނުޖެހުންތަ ކަށް ފަހު ފުލުހުންނާއި އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އިން ވަނީ ހަމަނުޖެހުން ތަކުގައި ބައިވެރިވި އެންމެން ހޯދުމަށް ބޮޑު އޮޕަރޭޝަނެއް ފަށާފަ އެވެ. އަދި މި ހަމަނުޖެހުންތަކުގައި ބައިވެރިވި މީހުން ހޯދުމަށް އާންމުންގެ އެހީއަށް ވެސް ވަނީ އެދިފަ އެވެ.

ވޮޝިންގްޓަން ޕޮލިސް ޗީފް ރޮބާޓް ކޮންޓީ ވަނީ މި ހަމަނުޖެހުންތަކުގައި ބައިވެރިވި އެންމެން ގާނޫނުގެ ކުރިމައްޗަށް ގެންނާނެ ކަމަށް ވިދާޅުވެފަ އެވެ. ހަމަނުޖެހުންތަކުގައި އުޅުނު ގިނަ މީހުންގެ ފޮޓޯ ހިމަނާފައިވާ ވެބް ސައިޓެއް ހަދައި އެ މީހުން ހޯދުމަށް ކައިރި ސްޓޭޓްތަކަށް ވެސް ވަނީ އަންގާފަ އެވެ. މިހާތަނަށް 68 މީހުން ވަނީ ހައްޔަރުކޮށްފަ އެވެ. މީގެ ތެރެއިން 41 މީހުން ހައްޔަރުކޮށްފައިވަނީ ކޮންގްރެސް ބިންޑިން ހުންނަ ސަރަހައްދުންނެވެ.

މި ހަމަނުޖެހުންތަކާ ގުޅިގެން އެމެރިކާގެ ކުރީގެ ރައީސުންނާއި، ދުނިޔޭގެ ގައުމުތަކުގެ ލީޑަރުން އަދި އެހެނިހެން ފަރާތްތަކުން ދަނީ މި އަމަލުތައް ކުށްވެރިކޮށް މިއީ އެމެރިކާގެ ޑިމޮކްރަސީގެ ހަޔާތުގައި ކުރިމަތިވި ކަޅު ދުވަހެއްގެ ގޮތުގައި ސިފަކޮށްފަ އެވެ. ޓްރަމްޕްގެ އަމަލުތައް ކުށްވެރިކޮށް ސެނެޓްގެ މެމްބަރުން އަދި ގިނަ ބަޔަކުވަނީ އެމެރިކާގެ ގާނޫނު އަސާސީގެ 25 ވަނަ އެމަންޑްމަންޓް ހިންގައި ޓްރަމްޕް ވެރިކަމުން ދުކުރުކުރުމަށް ގޮވާލާފަ އެވެ.

އެ ގާނޫނު އަސާސީގެ 25 ވަނަ އެމަންޑްމަންޓްގައި ވާގޮތުން ރައީސަކަށް ހުންނަވާ ބޭފުޅަކު ވެރިކަން ހިންގުމަށް ނަފްސާނީ ގޮތުން ނުވަތަ ބައްޔެއްގެ ސަބަބުން ނުވަތަ އެނޫން ވެސް ކަމަކާ ގުޅިގެން ނުކުޅެދިއްޖެނަމަ ނައިބު ރައީސަށް ވެރިކަމުގެ ބާރުތައް ބަަދަލުކޮށް ވަގުތީ ގޮތުން ރައީސް ކަމަށް އައްޔަން ކުރެވޭނެ އެވެ. މި ގާނޫނުގެ 4 ވަނަ ބައިގައި ވާގޮތުން ނައިބު ރައީސް އަދި ކެބިނެޓްގެ މެޖޯރިޓީ މެމްބަރުން ރައީސަށް ވެރިކަންކުރުމަށް ނުކުޅެދިފައިވާ ކަމަށް އެއްބަސްވެވިއްޖެނަމަ ރައީސް ވެރިކަމުން ދުރު ކުރެވިދާނެ އެވެ. އަދި މިކަމަށް ކޮންގްރެސްގެ ދެ ގޭގެ ތިންބައިކުޅަ ދެ ބައިގެ އަގްލަބިއްޔަތު ބޭނުން ވާނެ އެވެ. ގިނަ ބަޔަކު ގޮވާލަމުން ދަނީ ޖެނުއަރީ 20 އަންނަން ދެން މަޑުކުރުުމުގެ ބޭނުމެއް ނެތް ކަމަށާއި، ޓްރަމްޕް ވަނީ ވެރިކަން ހިންގުމަށް ނުކުޅެދިފައިވާކަން ބަހުންނާއި އަމަލުން ދައްކާފައި ކަމަށެވެ.

ޓްރަމްޕްގެ ސަރުކާރަށް ގިނަ ބަޔަކު ފާޑުކިޔަމުންދާ ދަޑިވަޅުގައި ޓްރަމްޕްގެ ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ގިނަ އަދެއްގެ ބަޔަކު ވަނީ އިސްތިއުފާދޭން ފަށާފަ އެވެ. މީގެ ތެރޭގައި ޓްރަމްޕްގެ އަނބިކަނބަލުން މެލާނިއާ ޓްރަމްޕްގެ ޗީފް އޮފް ސްޓާފް އަދި ވައިޓް ހައުސްގެ ޑެޕިއުޓީ ޕްރެސް ސެކްރެޓަރީ، ޓްރަމްޕްގެ ކުރީގެ ޗީފް އޮފް ސްޓާފް އަދި ބަޖެކް ޑައިރެކްޓަރު ހިމެނެ އެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މީގެ އިތުރުން ވެސް އިތުރު އިސް އޮފިޝަލުންތަކެއް ވަނީ އިސްތިއުފާ ދީފަ އެވެ.

ހަމަނުޖެހުން ކަވަރު ކުރަމުން ދިޔަ ބައެއް ނޫސްވެރިންގެ ތަކެއްޗަށް ގެއްލުން ދެނީ

ހަމަނުޖެހުންތަކާއި ގުޅިގެން އިތުރަށް ހިނގައިދާނެ ހަމަނުޖެހުމަކަށް ޖާގަ ނުދިނުމަށް ވޮޝިންޓަން ޑީސީގެ މޭޔަރު މައުރިއަލް ބައުސާ ވަނީ ކެޕިޓަލް ސިޓީގައި 15 ދުވަހަށް ސްޓޭޓް އޮފް އެމަޖެންސީ އިއުލާން ކުރައްވާފަ އެވެ.

ވޮޝިންގްޓަން ޕޮލިސް ޗީފް ވިދާޅުވި ގޮތުގައި މި ހަމަނުޖެހުންތަކުގެ ބައިވެރިންނާއި ފުލުހުންނާ ކުރިމަތިލުން ހިނގައި 14 ފުލުހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށެވެ. މީގެ އިތުރުން މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މިހަމަނުޖެހުމުގެ މައުލޫމާތާއި ފޮޓޯ އާއި ވީޑިއޯ ގެނައުމަށް ހަރަކާތްތެރި ވަމުންދިޔަ ނޫސްވެރިންނަށް ވެސް ވަނީ ހަމަލާދީފަ އެވެ.

ނިއުޔޯކް ޓައިމްސްއިން ބުނާގޮތުން ބައެއް ނޫސްވެރިން ގެންގުޅުނު ކެމެރާ އަދި އެހެނިހެން އިކްއިޕްމަންޓްތަކަށް މުޒާހަރާކުރި މީހުން ވަނީ ގެއްލުން ދީފަ އެވެ.

ނޫސްވެރިން ބުނިގޮތުގައި އެ މީހުންނަށް ވަނީ އިންޒާރުދީ ބިރުދައްކާފައިވެ އެވެ. މިކަމާ ގުޅިގެން ބައެއް ނޫސްވެރިން ރައްކާތެރި ތަންތަނަށް ގެންދަންޖެހުނު ކަމަށް ވެސް ރިޕޯޓްކޮށްފައިވެ އެވެ. – ބީބީސީ