ޗަމްޕާ ބްރަދާސްގެ ފަރާތުން މާލޭ ސިޓީގެ ގޭބިސީތަކަށް ވެދެއްވި އެހީތެރިކަމުގެ އަގު މާލޭ ސިޓީ ކައުންސިލުން ވަޒަންކޮށްފި އެވެ.
ސާދަ ސަތޭކަ ސާޅީސް ހަތަރު ވަނަ އަހަރުގެ ރަމަޟާން މަހު މާލޭ ސިޓީގެ ގޭބީސީތަކުގެ ކެއިންބުއިމާ ބެހޭ އާންމު ޚަރަދުބަރަދަށް ލުއިކަން ދެއްވުމުގެ މާތް މަޤުސަދުގައި ޗަންޕާ ބްރަދާރސްގެ ފަރާތުން ޗަންޕާ މުހައްމަދު މޫސާ މާލޭ ސިޓީ ކައުންސިލް މެދުވެރިކޮށް މާލޭގެ ގޭގެއަށް ފޯރުވައިދެއްވި ދީލަތި އެހީތެރިކަމަށް ޓަކައި އެކަމުގެ އަގުވަޒަންކޮށް މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ވަނީ ޗަންޕާ މުހައްމަދު މޫސާ އަށް ހަނދާނީ ފިލާއަކާއި ހަނދާނީ ލިޔުމެއް އަރުވާފަ އެވެ.
މާލޭ ސިޓީ ކައުންސިލްގެ ފަރާތުން މި ހަނދާނީ ފިލާ އާއި ހަނދާނީލިޔުން މުޙައްމަދު މޫސާ އާ ހަވާލު ކޮށްދެއްވީ މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެވެ.
މި ބައްދަލުވުމުގައި ޗަމްޕާ ބްރަދާސްގެ ފަރާތުން ޗަންޕާ މުހައްމަދު މޫސާ ވަނީ މާލޭ ސިޓީ ކައުންސިލުން އެތަކެތި ރައްޔިތުންނަށް ބެހުމުގެ އިންތިޒާމްތައް ވަރަށް ފުރިހަމަ ކަމަށް ވިދާޅުވެ އެކަމަށްޓަކައި މާލޭ ސިޓީ ކައުންސިލާއި، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއަށް ޝުކުރު ދަންނަވާފަ އެވެ.
މާލޭ ސިޓީ ކައުންސިލްގެ ފަރާތުން މޭޔަރު ޑރ. މުޢިއްޒު ވަނީ ޗަމްޕާ ބްރަދާސްގެ ފަރާތުން މާލޭ ސިޓީގެ ގޭބިސީތަކަށް ވެދެއްވި އެހީތެރިކަމަށްޓަކައި ޗަމްޕާ ބްރަދާސް އާއި ޗަންޕާ މުހައްމަދު މޫސާ އަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވާފަ އެވެ. އަދި މިއީ ރައްޔިތުން ވަރަށް ބަލައިގަތް ކަމެއް ކަމުގައި މޭޔަރު ފާހަގަކުރެއްވި އެވެ.
ދިވެހި ރައްޔިތުންނަށް ބެހުމަށް ޗަމްޕާ ބްރަދާސްގެ ފަރާތުން މާލޭ ސިޓީ ކައުންސިލަށް އިތުބާރުކުރައްވާ ހަވާލު ކުރެއްވި ކާށި އަދި 10 ޓަނު ކަރާ މާލޭ ސިޓީ ކައުންސިލް މެދުވެރިކޮށް މާލޭ ސިޓީގައި ދިރިއުޅޭ ރައްޔިތުންނަށް ވަނީ ބަހާފައެވެ. އެގޮތުން 3524 މީހަކަށް 50375 ކާށި ވަނީ ބަހާފަ އެވެ. އަދި 2325 މީހަކަށް 4650 ކަރާ ވަނީ ބަހާފަ އެވެ.
މި ތަކެތީގެ ތެރެއިން ކާށި ބެހުން ކުރިއަށްގެންގޮސްފައިވަނީ އޭޕްރީލް މަހުގެ 11 ވަނަ ދުވަހުން ފެށިގެންނެވެ. އަދި ކަރާ ބެހުން ކުރިއަށް ގެންގޮސްފައިވަނީ 27 އޭޕްރީލްގަ އެވެ. ޗަމްޕާ ބްރަދާސްގެ ފަރާތުން ވަނީ ދެ ފަހަރެއްގެ މަތިން ކާށި ހަދިޔާ ކޮށްފަ އެވެ.
ޗަމްޕާ ބްރަދާސްގެ ފަރާތުން ހަދިޔާ ކުރެއްވި ކަރާ، އަދި ކާށި މާލޭ ސިޓީ ކައުންސިލުން ވަނީ ކާމިޔާބުކަމާއެކު ބަހާ ނިންމާލާފައިފަ އެވެ. ކާށި އަދި ކަރާ ބެހުން ކުރިއަށް ގެންގޮސްފައިވަނީ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާ އެކު ވަޑައިގެންނެވި ދިވެހި ކޮންމެ ރައްޔިތަކަށެވެ.