ސޯޝަލް މީޑިއާ ހާވަމުން ދަނިކޮށް ލޮލުގައި އަޅައިގަތް ނައުޝަމް ވަހީދުގެ މި ފޮޓޯއިން ހިތަށް ވަރަށް އަސަރުކުރުވި އެވެ.

އޭނާގެ އެ ފޮޓޯއިން ފެންނަނީ ލ. އަތޮޅުގައި، އުމުރުން ދުވަސްވީ މީހުންގެ ފޮޓޯ ނަގަމުން ގޮސް، ނައުޝަމްގެ ކެމެރާއަށް އެ މީހުން އެރީ، ފިރިހެން މީހާއަށް އޭނާގެ އަނބިމީހާ ކާންދޭން އިން މަންޒަރު ފެނިގެންނެވެ. ލ. އަތޮޅުގައި، އުމުރުން ދުވަސްވީ މީހުންގެ ފޮޓޯ ނަގަމުން ގޮސް، ނައުޝަމްގެ ކެމެރާއަށް އެ މީހުން އެރީ، ފިރިހެން މީހާއަށް އޭނާގެ އަނބިމީހާ ކާންދޭން އިން މަންޒަރު ފެނިގެންނެވެ. އެ ފޮޓޯއިން ފެނަނީ މުސްކުޅި ދެމަފިރިންގެ ތެރެއިން އަންހެން މީހާ ފިރިހެން މީހާގެ ކޮލަށް ބޮސްދޭ ތަނެވެ. ހަމަ ކަޕުލް ގޯލްސް އޭ ބުނާވަރުވެ އެވެ. މިއާއެކު މި ފޮޓޯއާ ގުޅޭ އިތުރު މައުލޫމާތު ހޯދަން ބޭނުންވި އެވެ.

ނަސީބަކުން މާ ދުރަށް ދާކަށް ވެސް ނުޖެހުނެވެ. ފޮޓޯއާއެކު ނައުޝަމް ވަނީ އެ ދެމަފިރިންގެ ވާހަކަ ކެޕްޝަންގައި ލިޔެފަ އެވެ.

ފޮޓޯއިން ފެންނަ ދެމަފިރިންނަކީ ދޮން މަރިޔަމް އާއި ބެއްޔާ އެވެ. މި ދެމީހުންގެ ލޯބީގެ ވާހަކަ ފެށިގެން އައީ މީގެ ފަންސާހަކަށް އަހަރު ކުރިންނެވެ. ބެއްޔާ (އަބްދުއް ރަހްމާން) އަކީ ދޮން މަރިޔަމްގެ އަލަތު ފިރިމީހާ އެވެ.

އޭގެ ކުރިން އަބްދުއް ރަހްމާން 50 އަށް ވުރެ ގިނަ ކައިވެނިކުރި ކަމަށްވެ އެވެ.

އަބްދުއް ރަހްމާން 95، އާ ކައިވެނިކުރުމަށް ދޮން މަރިޔަމު 64 ރަންކީ އެއް ރުފިޔާއަށެވެ. އެ ޒަމާނުގައި އަގުބޮޑުކޮށް ރަންކިޔުމެއް ނޯވެ އެވެ. އަޑިގުޑަންތައް ގިނަ ދިރިއުޅުމެއް ވޭތުކޮށްފައިވާ މި ދެމަފިރިންނަށް ޖުމްލަ ނުވަ ދަރިން ލިބުނެވެ. އޭގެ ތެރެއިން މިހާރު ދުނިޔޭގައި ތިބީ ހަތް ކުދިންނެވެ.

މީގެ ހަތް އަހަރު ކުރިން އަބްދުއް ރަހްމާންގެ ސިކުނޑިއަށް ލިބުނު އަނިޔާއަކާ ގުޅިގެން ގިނަ ކަންތައް ވަނީ ހަނދާންނެތިފަ އެވެ. މިހާރު ވާހަކަ ވެސް ނުދެއްކޭއިރު އަމިއްލައަށް ކަންކަން ކުރުމަށް ވެސް ނުކުޅެދެ އެވެ. ނަމަވެސް ލޯބިވާ ފިރިމީހާގެ ކަންކަން ދޮން މަރިޔަމް ކޮށްދެނީ ވަރަށް ލޯތްބާއި އިހުތިރާމާ އެކުގަ އެވެ.

އަބްދުއްރަހްމާންގެ އުމުރުން މިހާރު 95 އަހަރެވެ. ދޮން މަރިޔަމަށް 64 އެކެވެ. ދެމަފިރިންގެ ކައިވެންޏަށް 50 އަހަރުވެދާނެ ކަމަށް ދޮން މަރިޔަމް ބުނެ އެވެ.

"މިއަދު އޭނާއަށް އަހަރެމެން ދެ މީހުން އެކުގައި ހޭދަކުރި ދުވަސްތައް ހަނދާން ނުހުރެދާނެ. އެހެން ނަމަވެސް އަހަރެންގެ ހިތުގައިވާ ލޯތްބަށް ކުޑަވެސް ބަދަލެއް ނާދޭ،" ދޮން މަރިޔަމް ބުނެފައިވެ އެވެ.

ހަގީގަތުގައި ވެސް މިއީ ލޯބީގެ ލާމަސީލު ނަމޫނާ އެކެވެ.

މި ފޮޓޯ ނަގާފައިވާ ނައުޝަމް ވަހީދަކީ އަބަދުވެސް މިފަދަ އަސަރުން ފުރިގެންވާ ފޮޓޯތައް އޭނާގެ ސޯޝަލް މީޑީއާ ޕްލެޓްފޯމްތަކުގައި ހިއްސާ ކުރާ ކުޅަދާނަ ޒުވާން ފޮޓޯގްރާފަރެކެވެ. މީގެ އިތުރުން އެކި މުނާސަބަތްތަކާ ގުޅިގެން އެ ދުވަހެއް ރަމްޒުވާ ގޮތަށް އޭނާ ނަގާފައި ހުންނަ ފޮޓޯތަކަށް އާންމުގެ ބޮޑު ސަމާލުކަމެއް ލިބެ އެވެ.

އެގޮތުން މިއަހަރުގެ އެއްބައިވަންތަކަމުގެ ދުވަހު ސުނާމީ ކާރިސާ ދައްކުވައިދޭ މަންޒަރު ސިފަވާހެން ނަގާފައި ހުރި ފޮޓޯފެނި ވަރަށް ގިނަ މީހުންގެ ލޮލުން ކަރުނަ ހިލިގެންދިޔަ އެވެ.

"ހުރިހާ" ގެ ޓީމުން އެދެނީ ނައުޝަމް އަށް ނުހަނު ގިނަގުނަ ކާމިޔާބީއަށެވެ.