ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އުފައްދަވަން ނިންމެވި "ދަ ޑިމޮކްރެޓްސް" ޕާޓީ ރަޖިސްޓްރީ ކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް 3،500 ފޯމާ އެކު މިއަދު ހުށަހަޅައިފި އެވެ.

ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ އީސީން ދީފައިވަނީ މިދިޔަ ބުދަ ދުވަހު އެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނު ބުނާ ގޮތުން ޕާޓީ އުފައްދަން ހުށަހަޅަން ޖެހެނީ މަދުވެގެން 3،000 މެމްބަރުންގެ ސޮޔާ އެކުގަ އެވެ.

ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ރަޖިސްޓްރީއަށް އެދުނީ 3،560 މެމްބަރުންގެ ސޮޔާއެކުގަ އެވެ. ފޯމުތަކާ އިލެކްޝަންސްގެ ފަރާތުން ހަވާލުވީ އިލެކްޝަންސް ކޮމިޝަންސްގެ ސެކެޓްރީ ޖެނެރަލް ހަސަން ޒަކަރިއްޔާ އެވެ. އެ ހުއްދަ އެ ޕާޓީއަށް ލިބޭނީ އެ ފޯމުތައް ޕްރޮސެސްކޮށް ސައްހަކަން ކަށަވަރުކުރުމަށް ފަހު އެވެ.

ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދުމާ އެކު ނަޝީދުގެ އަރިސް މެމްބަރުންތަކެއް ވަނީ ރަށްތަކަށް ދަތުރުކޮށް މެމްބަރުން ހޯދުމުގެ މަސައްކަތް ކޮށްފަ އެވެ. އެހެންކަމުން މިއަދު އީސީއަށް މި ހުށަހެޅީ މާލެ އާއި އަތޮޅުތަކުން ލިބުނު ފޯމުތަކެވެ.

ޑިމޮކްރެޓްސް އުފެއްދުމަށް ރައްޔިތުންގެ މަޖިލީހުގެ މި ފެކްޝަންގެ 12 މެމްބަރަކު ވަނީ އެމްޑީޕީން ވަކިވެވަޑައިގެންފަ އެވެ.

ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރޭނެ ކަން ވެސް ޑިމޮކްރެޓްސް އިން އޮތީ އިއުލާންކޮށްފަ އެވެ.