ސ. މަރަދޫ ފޭދޫގައި ވަޅި ހަރައި މަރާލި އެ ރަށު ބްލޫސްޓާ، އަހުމަދު ޝުއައިބު މަރާލި މައްސަލާގައި އޭނާގެ ކޮއްކޮ އަމިއްލައަށް ފުލުހުންނާ ހަވާލުވެއްޖެ އެވެ.

ކަތުރަކުން އޭނަގެ ކަރަށް ހަަމަލާދީ މަރާލި ކަމުގެ ތުހުމަތު ކުރަނީ ޝުއައިބުގެ ކޮއްކޮ ހުސައިން މަވާޒް އަށެވެ.

މަރަދޫ ފޭދޫގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދިން ކަމަށް ފުލުހަށް ރިޕޯޓުކޮށްފައި ވަނީ ރޭ 11:23 ގަ އެވެ.

އޭނާ ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، ޝުއައިބު މަރުވީ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ރޭ ފަތިހު އެވެ.

ދެ ބެއިންގެ ދެމެދުގައި ހަމަނުޖެހުނ ހިނގީ ފޯނެއްގެ މައްސަލާގައި ކަމަށްވެ އެވެ. އަދި ޝުއައިބްގެ ކަރަށް އޭނާގެ ކޮއްކޮ ހަމަލާ ދިނީ ކަތުރަކުންނެވެ. ގޭތެރޭގައި އަރައިރުން ވުމަށްފަހު އެ ހަމަލާދިނީ އެ މީހުން ދިރިއުޅޭ ގޭގެ ބޭރުގަ އެވެ.

ފުލުހުން ބުނީ އެމައްސަލާގައި ތުހުމަތު ކުރާ ހުސައިން މަވާޒް މިއަދު މެންދުރު މަރަދޫ ޕޮލިސް ސްޓޭޝަނަށް އަމިއްލައަށް ހަވާލުވެފައިވާ ކަމަށެވެ.

އެ ދެ މީހުންނަކީ ވެސް ކުށުގެ ރެކޯޑް އޮންނަ ދެ މީހުންނެވެ. މަވާޒް އޭނާގެ ބޭބެ އަށް ހަމަލާ ދިންއިރު ވެސް ހުރީ މަސްތުގެ ހަލަތުގައި ކަމަށްވެ އެވެ.