ވަކިން ނުކުތުމުން މެމްބަރުންގެ ތާއިދު 3500 އަށް ތިރިވެއްޖެ ކަމަށް ވިދާޅުވެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ފާޑުވިދާޅުވެއްޖެ އެވެ.

އަމީރު ރައީސް ނަޝީދަށް ފާޑު ވިދާޅުވީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އުފައްދަވަން މަސައްކަތް ކުރާ ދަ ޑޮޮމޮކްރެޓްސް އިން މިއަދު ޕާޓީ ރަޖިސްޓަރީ ކުރަން 3500 މެމްބަރުންގެ ފޯމާ އެކު ހުށަހެޅުމުންނެވެ.

ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައިވަނީ މިދިޔަ ބުދަ ދުވަހު އެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނު ބުނާ ގޮތުން ޕާޓީ އުފައްދަން ހުށަހަޅަން ޖެހެނީ މަދުވެގެން 3،000 މެމްބަރުންގެ ސޮޔާ އެކުގަ އެވެ. ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ރަޖިސްޓްރީއަށް އެދުނީ 3،560 މެމްބަރުންގެ ސޮޔާއެކުގަ އެވެ.

އެކަމާ ގުޅިގެން ފިނޭންސް މިނިސްޓަރު އަމީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީ އާއެކު ނުކުތީމަ ފުރަތަމަ ބުރުންވެސް 95 ހާސް ވޯޓު ނަގާކަން ތާރީހް ހެކިދޭ ކަމަށެވެ، އެހެނަސް ފެންނަން އޮތް ހަޤީޤަތަކީ ވަކިން ނުކުތުމުން އެ އަދަދު ތިންހާސް ފައްސަތޭކަ އަށް ތިރިވެއްޖެކަން ކަމަށް އަމީރު ވިދާޅުވި އެވެ.

އަމީރު އެވިދާޅުވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދަށް ލިބުނު 9،5000 ވޯޓަށް ނިސްބަތްކޮށެވެ.

އެމްޑީޕީގެ ޕްރައިމަރީއަށް ފަހު ރައީސް ނަޝީދު ވަނީ ފިކުރެއްގެ ދިރުން ނަމުގައި ވަކި ފެކްޝަނެއް އުފައްދަވާފައެވެ. ފިކުރެއްގެ ދިރުން ފެކްޝަނަށް މެމްބަރުން ހަމަ ކުރުމަށް ފަންސާސް ހާސް ފޯމު ފުރާފައިވާކަމަށް އެފެކްޝަނުން ބުނި ނަމަވެސް އެއަދަދު މިއަދާ ހަމައަށްވެސް ހާމަ ކޮށްފައެއް ނުވެ އެވެ. ފިކުރެއްގެ ދިރުން އުފެއްދުމަށް ފަހު އެންގެ ބޮޑަށް ތުހުމަތު ކުރީ އެމްޑީޕީން 39،000 މެމްބަރުން ކަނޑާލާފައިވާ ކަމަށް ބުނެ އެވެ.

މިއަދު ދަ ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީ ރަޖިސްޓަރީ ކުރުމަށް ފޯމު ހުށަހެޅި 3500 މެމްބަރުންގެ ފޯމެވެ.

ދަ ޑިމޮކްރެޓްސް އުފެއްދެވުމަށް އިސްކޮށް އުޅުއްވާ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ ޕާޓީއަށް 10،000 މެމްބަރުން ހަމަކުރެވޭނެ ކަމަށް ލަފާކުރެވެނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކުރާ ކެމްޕޭނުގެ ތެރެއިން ކަމަށެވެ.