އައްޑޫއަކީ މުޅި ދުނިޔެއަށް ހުޅުވާލެވިފައިވާ ވަރުގަދަ ސިޓީއެއްގެ ގޮތުގައި ތަރައްގީކުރުމަކީ މީގެ ކުރިން ހަމައެކަނި ދެކެވޭ ވާހަކަތަކެއް ނަމަވެސް އައްޑޫގައި މިއަދު ފެށި ބިޔަ މަޝްރޫއާއެކު ތަރައްގީގެ ހެޔޮ ބަދަލު އައްޑޫގައި އަމަލީގޮތުން ފެށުނީ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އައްޑޫގެ ބިން ހިއްކުމުގެ ބިޔަ މަޝްރޫއު ރައީސް ސޯލިހު މިއަދު ވަނީ ރަސްމީކޮށް ފައްޓަވައި ދެއްވާފަ އެވެ. އެކަމަށްޓަކައި އައްޑޫގެ މަރަދޫއާއި ހަންކެޑަ ގުޅޭ ސަރަޙައްދުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އައްޑޫ ސިޓީއަކީ ދުނިޔެއަށް ހުޅުވާލެވިފައިވާ ވަރުގަދަ ސިޓީއެއްގެ ގޮތުގައި ތަރައްގީކުރުމަކީ މީގެ ކުރިން ހަމައެކަނި ދެކެވޭ ވާހަކަތަކެއްގެ ގޮތުގައި އޮތް ކަމެއް ނަމަވެސް މިހާރު ބިން އިތުރުކުރުމުގެ މި ބިޔަ މަޝްރޫއާއެކު ތަރައްގީގެ ހެޔޮބަދަލު އައްޑޫ ސިޓީގައި އަމަލީގޮތުން ފެށުނީ ކަމަށެވެ. އަދި އައްޑޫގެ ބިން އިތުރުކުރުމުގެ މަޝްރޫއާއި މަގުހެދުމުގެ މަޝްރޫއު ކުރިޔަށް ދަނީ ހަންކެޑެ ތަރައްގީކޮށް ނިމޭއިރު އެތަނާ ގުޅޭ ޕްލޭނާ ވެސް އެއްގޮތަށް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކުރިޔަށް އޮތް ދެ އަހަރުގެ ތެރޭގައި. މަޝްރޫއުގެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ. އަދި ހަންކެޑެ މަޝްރޫއާ އަދި މިހާރު ރޭވިފައިވާ ހުރިހާ މަޝްރޫއުތަކެއް ނިމޭއިރު އައްޑޫ ސިޓީގައި 7،000 ޓޫރިސްޓް އެނދު އޮޕަރޭޓް ކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ސަރުކާރުން ތަރައްގީގެ މަޝްރޫޢުތައް ކުރިޔަށްގެންދާއިރު، ރައްޔިތުން ބޭނުންވާ ގޮތަށް ކުރިޔަށް ގެންދިއުމަށް އިސްކަންދޭ ކަމަށެވެ. މީގެ އިތުރުން އައްޑޫ ސިޓީގެ މަގުހެދުމުގެ މަޝްރޫއުގެ ދަށުން ކުރިން ކޮންކްރީޓް އަޅައިގެން ހަނދަން ހަމަޖެހިފައިވާ 67 ކިލޯމީޓަރުގެ މަގުތައް ރައްޔިތުން އެދުނު ގޮތަށް ތާރުއަޅައިގެން ހެދުމަށް މިހާރު ހަމަޖެހިފައިވާނކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އޭގެ އިތުރުން އެކި ފަންތީގެ ފަތުރުވެރިކަމާ ގުޅޭ ވަސީލަތްތަކަށް ފަހިވާގޮތަށް ހަންކެޑަ ފަރުމާކޮށް ތަރައްގީކުރާނީ މޯލްޑިވްސް ފަންޑު މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޓުންނެވެ.

މި މަޝްރޫއަކީ އިންޓަގްރޭޓެޑް ރިޒޯޓް، ހޮޓާ، ގެސްޓް ހައުސް ހިމެނޭ ވަށާޖެހޭ މަޝްރޫއެކެވެ. ޖުމްލަ 1.5ބިލިއަން ރުފިޔާ ހަރަދުކުރާ އައްޑޫސިޓީގެ ބިން އިތުރުކުރުމުގެ ބިޔަ މަޝްރޫއުގެ ދަށުން އައްޑޫ ސިޓީއަށް 190 ހެކްޓަރުގެ ބިން އިތުރުކުރެވިގެންދާނެ އެވެ. ހަމަ އެއާއެކު އިތުރު މަޝްރޫއެއްގެ ދަށުން 42 ހެކްޓަރ ބިން ހުޅުމީދޫއަށް އިތުރުކުރުމަށް 179 މިލިއަން ރުފިޔާގެ މަޝްރޫއެއް ހިންގޭނެ އެވެ.