އަލަށް އުފައްދާ ޕާޓީ ދަ ޑިމޮކްރެޓްސްއަށް ސޮއި ކުރި މީހުންގެ ލިސްޓް ލީކުވެފައިވާ ކަމަށް ބުނެ އެ ޕާޓީން މައްސަލަ އިލެކްޝަންސް ކޮމިޝަނުން ބަލަން ފަށާއިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ލިސްޓް ލީކުވި މައްސަލަ ހުށަހަޅާފައިވާތީ ސީރިއަސް މައްސަލައެއްގެ ގޮތުގައި އެކަން ބަލަމުންދާ ކަމަށެވެ.

ޑިމޮކްރެޓްސް ރަޖިސްޓްރީ ކުރުމަށް 3،560 މެމްބަރުންގެ ފޯމާއެކު ހުށަހެޅީ މިދިޔަ ބުރާސްފަތު ދުވަހު އެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ ދަ ޑިމޮކްރެޓްސްގެ ޝަކުވާ ރަސްމީކޮށް ކޮމިޝަނަށް ލިބިފައިވާ ކަމަށެވެ. އަދި އެ މައްސަލަ ކޮމިޝަނުން ސީރިއަސް ކަމެއްގެ ގޮތުގައި ބަލަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ ޑިމޮކްރެޓްސް ރަޖިސްޓަރީ ކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި މެމްބަރުންގެ ލިސްޓު އާންމުވެފައިވާ ކަމެއް ކަމަށާއި، އެއީ އިލެކްޝަންސް ކޮމިޝަންގެ ތެރެއިން ބޭރުވި ލިސްޓެއްކަން ޔަގީން ކުރެވޭ ކަމަށެވެ. އަދި އެއީ ކަންބޮޑުވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. ޝިފާޒް ވިދާޅުވީ އެކަން ހިނގި ކިހިނެއްތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށާއި އަދި އެމައްސަލަ ތަހުގީގުކޮށްދިނުމަށް ފުލުހަށްވެސް ހުށަހަޅަފައިވާ ކަމަށެވެ.