ގައުމަށް ހަމަޖެހުމާއި ތަރައްގީ ގެނެވޭނެ ހަމައެކަނި ފޯމިއުލާއަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ދިނުން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އަދާލަތު ޕާޓީގެ ރައީސްގެ މަގާމުގައި ވެސް ހުންނެވި އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މުޖުތަމައުގެ މަސްލަހަތާއި ހަމަޖެހުމާއެކު ފަރުދުންގެ ރައްކާތެރިކަން ކަށަވަރުވާގޮތަށް ގައުމު ތަރައްގީކުރެވޭނެ ހަމައެކަނި ފޯމިއުލާއަކީ ރައީސް ސޯލިހު ކަމަށެވެ. މިކަންތައް ކަށަވަރު ކުރުމަށްޓަކައި ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދޭޖެހޭ ކަމަށްވެސް އިމްރާން ވިދާޅުވި އެވެ.

"ހަމަޖެހުމާ އެކީ ފަރުދުންގެ ރައްކާތެރިކަން ކަށަވަރުކުރައްވާ ގޮތަށް ގައުމު ތަރައްގީ ކުރެވޭނެ ހަމައެކަނި ފޯމިއުލާ އަކީ ރައީސް ސޯލިހުގެ ސަރުކާރު ވެރިކަމުގެ ދެވަނަ ދައުރަކަށް އިންތިހާބު ކުރުން." އިމްރާން ވިދާޅުވި އެވެ.

އިމްރާން މިމޭރުމުން ވިދާޅުވެފައިވާއިރު ޢަދާލަތު ޕާޓީން ވަނީ މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ސޯލިހާއެކު ކުރިއަށް ދިއުމަށް ކޯލިޝަން ހަދާފަ އެވެ. އަދި އަދާލަތު ޕާޓީގެ އިސްފަރާތްތަކުން ވިދާޅުވެފައިވަނީ މިއަހަރުގެ އިންތިޚާބު ރައީސް ސޯލިހާ ފަސޭހަކަމާއެކު ކާމިޔާބު ކުރަށްވާނެ ކަމަށެވެ.

ރައީސް ސޯލިހާއެކު މިހާތަނަށް ކޯލިޝަން ހަދާފައިވަނީ އަދާލަތުގެ ޕާޓީގެ އިތުރުން މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އިންނެވެ.

ރިޔާސީ އިންތިހާބަށް ތިން މަސް ދުވަހަށް ވެފައިވާއިރު، ސަރުކާރުން މި ދުވަސްވަރާ ދިމާކޮށް ގިނަ މަޝްރޫޢުތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުން އަންނައިރު، މިއީ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ކުރަމުން އަންނަ މަސައްކަތްތަކެއްގެ ގޮތުގައި އިދިކޮޅު ފަރާތްތަކުން ސިފަކުރެ އެވެ.

ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ސެޕްޓެންބަރު މަހުގެ 09 ވަނަ ދުވަހު އެވެ.