ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހްރުކް ޚާންއާއި އަންހެނުން ގައުރީ ޚާންގެ ދޮށީ ދަރިފުޅު އާރްޔަން ޚާން އޭނާގެ ބައްޕަ ފަދައިން ކެމެރާ ކުރިމަތިން ފެންނާނެ ކަމަށް ގިނަ ބަޔަކު އުއްމީދު ކުރި ނަމަވެސް ބައްޕައާ ޚިލާފަށް އޭނާގެ ޝައުގުވެރިކަން ހުރީ ކެމެރާ ފުރަގަހުގެ މަސައްކަތްތަކަށެވެ.

އެގޮތުން އާރްޔަން އެންމެ ފުރަތަމަ ޑައިރަކްޓްކުރާ ވެބް ސީރީޒް "ސްޓާޑަމް"ގެ ޝޫޓިން މިހާރު ވަނީ ފަށާފަ އެވެ. މިއީ ޝާހްރުކް ޚާންގެ ހިއްސާ އޮންނަ ރެޑް ޗިލީސް ޕްރޮޑަކްޝަންސްއިން އުފައްދާ ފިލްމެކެވެ.

އިންޑިއާގެ ފިލްމީ ދާއިރާގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ މި ވެބް ސީރީޒްގެ ހާއްސަ ފެނިލުމަކުން ރަންބީރު ކަޕޫރު ފެނިގެންދާނެ ކަމަށާއި އެ ފެނިލުމަށް އޭނާ ޝޫޓް ވެސް ކޮށްފައިވާ ކަމަށް މިހާރު ހަބަރުތައް ވަނީ ލިބިފަ އެވެ.

ސަންދީޕް ރެޑީ ވަންގާގެ ފިލްމު "އެނިމަލް"ގެ މަސައްކަތުގައި މިހާރު އުޅެމުން އަންނަ ރަންބީރު އާރްޔަންގެ ވެބް ސީރީޒްއަށް ވަގުތު ދިނީ ހަފްތާ ބަންދު ތެރޭގައި ޗުއްޓީއެއް ނަގައިގެން ކަމަށް ބުނެވެ އެވެ.

ރަންބީރުގެ އިތުރުން ދަރްމާ ޕްރޮޑަކްޝަންގެ ޑައިރެކްޓަރު އަދި ޝާހްރުކް ޚާންގެ ބޮލީވުޑު ކާމިޔާބީގައި ބޮޑު ދައުރެއް އަދާކޮށްދިން ކަރަން ޖޯހަރުގެ ވެސް ފެނިލުމެއް ސީރީޒުން ފެންނާނެ އެވެ.

ހަމައެއާއެކު ޝާހްރުކް ޚާނާއި ރަންވީރު ސިންހް ވެސް ހަ އެޕިސޯޑުގެ އެ ސީރީޒްގެ ކުޑަ ރޯލަކުން ފެންނާނެ ކަމަށް ހަބަރުތައް އަންނަނީ ބުނަމުންނެވެ.

"ސްޓާޑަމް"ގެ ޝޫޓިން ފެށިފައިވާއިރު ދަރިފުޅުގެ މަސައްކަތަށް ހިތްވަރުދީ އެ މަސައްކަތްތައް ބަލާލުމަށްޓަކައި ޝާހްރުކް ޚާން ވެސް ޝޫޓިން ކުރާ ތަނަށް ވަނީ ގޮސްފަ އެވެ.

އާރްޔަންއަކީ ޝާހްރުކް ޚާންއާއި ގައުރީގެ ދޮށީ ދަރިފުޅެވެ. އާރްޔަންގެ ފަހުން ލިބުނު ސުހާނާ އެކްޓިންއަށް ނުކުންނަން ތައްޔާރުވަމުން އަންނައިރު އެއާއިލާގެ އެންމެ ހަގު ދަރިފުޅު އަބްރާމްއަށް އަދި ވާނީ ގާތްގަނޑަކަށް ފަސް އަހަރެވެ.